މިދިޔަ އާދީއްތަ ދުވަހު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރަށްވައި ގޮނޑި ކާމިޔާބު ކުރެއްވި 6 މެންބަރުން ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ސޮއި ކުރަށްވައިފިއެވެ.

މިއާއެކު ޕީއެންސީގެ ޖުމްލަ މެންބަރުންގެ ޢަދަދު ވަނީ 72 އަށް އަރައިފައެވެ.

އިއްޔެ މުލިއާގޭގައި މި ބޭފުޅުން ޕީއެންސީއަށް ސޮއި ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޙާޟިރުގައެވެ.

އެގޮތުން ޕީއެންސީއަށް ސޮއިކޮށްފައިވަނީ ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް އާއި މަތިވެރި ދާއިރާއިން އިންތިހާބުވި ހަސަން ޒަރީރު އާއި މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޟަމީރާއި ތިމަރަފުށި ދާއިރާއިން އިންތިހާބުވި އަހުމަދު ރިޔާޒު އާއި ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ އާއި ވިލިނގިލި ދާއިރާއިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީން 66 ކެންޑިޑޭޓުން ކާމިޔާބުކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހީމާއި އެމްއެންޕީގެ މުޙައްމަދު ނާޒިމާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ތާޢީދު ކުރަށްވަނީ ސަރުކާރަށެވެ.

އެހެންކަމުން މަޖިލީހުގައި ސަރުކާރަށް ތާޢީދު ކުރަށްވާ 76 މެންބަރުން ތިއްބަވާނެއެވެ. މި އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ 12 ގޮނޑިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން