މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނު ނަމަވެސް ޕީއެންސީން އެއްވެސް ބަޔަކަށް ބިރު ނުދައްކާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ސަލީމް ވިދާޅުވީ އާރާއި ބާރާއި ނުފޫޒަކީ އަބަދު އެއްބައެއްގެ އަތުގަ އޮންނާނެ އެއްޗެއް ނޫންކަމަށެވެ. އަދި ކުޑަހިނދުކޮޅެއްގެ ތެރޭގައިވެސް ޙާލަތު ބަދަލުވެދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކުޑަ ހިނދުކޮޅަކަށް ލިބޭ އާރާއި ބާރުގެ ބޭނުންކޮށްގެން ނިކަމެތިކަމުގައި ހުންނަ މީހާއަށް ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށެވެ. ނަމަވެސް އެމްޑީޕީއަށް ސުޕަރމެޖޯރިޓީ ލިބުމުން ފެނުނީ އެމަންޒަރު ނޫން ކަމަށާއި އެގޮތަށް ޕީއެންސީން ޢަމަލު ނުކުރާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

“ސުޕަރމެޖޯރިޓީ ލިބުނަސް އެއްވެސް ބަޔަކަށް ބިރުދައްކައި، ނަފުސާނީ ގޮތުން ގެއްލުންދީ، އަދި މައިނޯރިޓީއަށް އިހުތިރާމްނުކޮށް އެމީހުން ނަފުސާނީ ގޮތުން ބަލިކޮށްލާކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން،" ސަލީމް ވިދާޅުވިއެވެ.

ސަލީމް މިއަދު ވިދާޅުވީ ވޭތުވެދިޔަ ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އައުމަށްފަހު ކަންތައްތައް ކުރީ ގޯހުން ގޯހަށް ކަމަށާއި އަދި މަޖިލީހަށް އަންނަ މެންބަރުންވެސް މަސައްކަތް ކޮށްފައިވަނީ ނާޖައިޒު ފައިދާ ނެގުމަށް ކަމަށެވެ.

ނަމަވެސް ކޮންމެ ސަރުކާރެއް ވެސް ވިސްނަންޖެހޭނީ ރައްޔިތުން ނިކަމެތި ކަމުން ރަނގަޅު ޙާލަތަކަށް ގެނައުމަށް ކަމަށް ސަލީމް މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން