ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 8 ދާއިރާއެއްގައި ވޯޓު ފޮށި ބަހައްޓާ ސަރަޙައްދަށް ބަދަލު ގެނެސްފި އެވެ.

މަޖިލީސް އިންތިހާބުގައި 602 ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އީސީން މިއަދު ބުނީ ބައެއް ވޯޓު ފޮށިތައް ބަހައްޓާ ސަރަޙައްދު ބަދަލުކުރީ ވޯޓުލާން ދާ މީހުންނަށް ފަސޭހަކޮށްދިނުމާއެކު ތޮއްޖެހުން ކުޑަކުރުމަށް ކަމަށެވެ.

އެގޮތުން ނ. ވެލިދޫ 1 ނަންބަރު ވޯޓު ފޮއްޓާއި ތ. ގުރައިދޫ 1 ނަންބަރު އަދި 2 ނަންބަރު ވޯޓު ފޮއްޓާއި ތ. ތިމަރަފުށި 1 ނަންބަރު ވޯޓުފޮށި ބަހައްޓާ ތަން ވަނީ ބަދަލު ކޮށްފައެވެ.

އޭގެ އިތުރުން ގަލޮޅު ދެކުނު 5 ނަންބަރު ވޯޓު ފޮއްޓާއި ރ. އަތޮޅު، މާލެ 2 ނަންބަރު ވޯޓު ފޮއްޓާއި ދ. އަތޮޅު، މާލެ 1 ނަންބަރު ވޯޓު ފޮއްޓާއި ލ. އަތޮޅު، މާލެ 5 ނަންބަރު ވޯޓު ފޮށި ބަހައްޓާ ސަރަޙައްދަށް ވަނީ ބަދަލު ގެނެސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި މައުލޫމާތައް ބަލާއިރު އެންމެ ގިނަ ފޮށި ބަހައްޓާނީ މާލޭގަ އެވެ. އެެއީ 181 ފޮއްޓެވެ. މީގެއިތުރުން ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި ނުވަ ފޮށި ބަހައްޓާނެ އެވެ.

މިފަހަރުގެ އިންތިހާބުގައި އަތޮޅުތަކުގައި 319 ފޮށި އަދި ރިސޯޓުތަކުގައި ޖުމްލަ 34 ފޮށި ބަހައްޓާނެ އެވެ.

އެހެން އިންތިހާބުތަކެކޭ އެއްފަދައިން ޖަލުގައި މި ފަހަރުވެސް ވޯޓު ފޮށި ބަހައްޓާނެ އެވެ. އެއީ ފަސް ފޮއްޓެވެ. އަދި ރާއްޖެއިން ބޭރުގައި ވެސް ތިން ފޮށި ބަހައްޓާނެ އެވެ. މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ދިހަހާހަށް ވުރެ ގިނަ މީހުން ވަނީ ރީ ރަޖިސްޓްރީކޮށްދީފަ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން