އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަނު ކުރަށްވައިފިއެވެ.

އީސީގެ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަނު ކުރަށްވާފައިވަނީ މިއަދު އެކަމަށްޓަކައި ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.

ޒަކަރިއްޔާއަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.

އީސީން މިއަދު ބުނީ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ، އެކޮމިޝަނުގެ މެންބަރުކަމަށް މ.މުލައް، މުސްތަރީގެ، ޙަސަން ޒަކަރިއްޔާ މިއަދު ޢައްޔަން ކުރަށްވާފައިވާ ކަމަށެވެ.

ޒަކަރިއްޔާ އީސީގެ މެންބަރުކަމަށް އައްޔަނުކުރެއްވިއިރު ހުންނެވީ އީސީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމުގައެވެ.

އީސީގެ މެންބަރުކަން ހުސްވީ އީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ޙަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވުމުންނެވެ.

އީސީގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވީ ފުއާދު ތައުފީގެވެ. އަދި ނައިބު ރައީސްގެ މަގާމުގައި ހުންނެވީ އަލީ ނަޝާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން