އަހުމަދު ޔާމިން   1 އޭޕްރީލު 2024 - 11:19
މިރެސިޕީން ތައްޔާރު ކުރެވޭނީ: 13 މީހުންނަށް ވާވަރަށެވެ.

ރޯލްސް ހަދަން ބޭނުންވާ ތަކެތި:

މަސްގަނޑު ތައްޔާރު ކުރުމަށް ބޭނުންވާނީ ½ ފިޔަޔާއި، 10 ހިކަނދިފަތާއި، ¼ ގިތެޔޮ މިރުހާއި، ½ ސައިސަމުސާ ގާނާފައި ހުރި ލޮނުމެދާއި، ½ ސައިސަމުސާ ގާނާފައި ހުރި އިނގުރާއި، 1 ލުނބޯއާއި، 1 މަސްދަޅާއި، ½ ސައިސަމުސާ މުގުރި އަސޭމިރުހާއި، 1 ބޮޑު އަލުވިއާއި (ފެނު ކައްކާ ޗަސްކޮށްފައި)، 1/3 ސައިސަމުސާ ލޮނު

ފޮޅި ތައްޔާރު ކުރުމަށް ބޭނުންވާނީ 1 ޖޯޑު ފުށާއި، 1/3 ސައިސަމުސާ ލޮނާއި (ފޮޅިއަށް)، 1 ބިހާއި (ފޮޅިއަށް)، 1 ޖޯޑު ފެން.

ފުށް ތެރަސް ތައްޔާރު ކުރުމަށް ބޭނުންވާނީ ½ 2 މޭޒުމަތީ ސަމުސާ ފެނާއި (ފުށް ތެރަސް ހެދުމަށް)، 1 މޭޒުމަތީ ސަމުސާ ފުށް (ފުށް ތެރަސް ހެދުމަށް).

އޭގެ އިތުރުން 2 ބިހާއި (ފާރޮށި ކުނޑި ލާން)، 75 ގްރާމް ފާރޮށި ކުނޑި އާއި (ގާތްގަނޑަކަށް 1 ޖޯޑު)، 2 ޖޯޑު ތެޔޮ (ތެލުލަން)

ރޯލްސް ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ ފިޔާ، ހިކަނދިފަތް، ގިތެޔޮ މިރުސް ތުނިކޮށް ކޮށާފައި ލޮނުމެދާއި އިނގުރާއިއެކު ބޯތަށްޓަކަށް އަޅާށެވެ. އަދި ލުނބޯ ހުތް ފިތާފައި ބޯތަށީގައި ހުރި ތަކެތި ނިކަން ރަނގަޅަށް މޮޑެލާށެވެ. މޮޑޭނީ ފިޔާތައް މަޑުވެ އޭގެ ދިޔަތައް ނިކުންނަންދެނެވެ. ދެން ބޯތަށީގެ ތެރެއަށް މަސްދަޅާއި (ފުރާނާލާފައި)، އަސޭމިރުހާއި، އަލުވި އަދި ލޮނު އަޅާ ރަނގަޅަށް މޮޑެލާށެވެ. އެއިރުން މަސްގަނޑު ހަދާ އެނިމުނީއެވެ.

ދެން އޮތީ ފޮޅި ތައްޔާރު ކުރުމެވެ. ފުރަތަމަ ފުށާއި ލޮނު ބޯތަށްޓެއްގައި އެއްކޮށްލާށެވެ. އެހެން ބޯތަށްޓެއްގައި ބިސް ގިރުމަށްފަހު ފުށް އެތީގެ ތެރެއަށް އޮއްސާލާށެވެ. ދެން އެއްކުރަމުން މަޑުމަޑުން ފެން ފޮދުވެސް ފުށްއެތީގެ ތެރެއަށް އަޅާލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކޮށްލާށެވެ.

މެދު ގިނީގައި ތަވައެއް ހޫނު ކުރާށެވެ. ރަނގަޅަށް ތަވާ ހޫނު ވީމައި ފޮޅި ތައްޔާރު ކުރަން އެއްކުރި ސާމާނުގެ 2 މޭޒުމަތީ ސަމުސާ ވަރުގެ އެތިކޮޅެއް ތަވާގެ މެދަށް އަޅާލާށެވެ. ސަމުސަލުގެ އަނެއް ފުށް ބޭނުން ކޮށްގެން ތަވައަށް އެޅި އެތިކޮޅަށް ވަށް ބައްޓަމެއް ގެންނާށެވެ. މިނިޓެއް ނުވަނީސް ފޮޅި އޮންނާނީ ފިހެވިފައެވެ. ތަވައިން ނެއްޓޭވަރަށް ފިހެވުނީމައި ނަގައި ތައްޓަކަށް ނަގާށެވެ.

ފުށްތެރަސް ހަދަން ހުރި ފުށާއި ފެން ރަނގަޅަށް އެއްކޮށްލައިގެން ފުށްތެރަސް ހަދާށެވެ.

ބަތްކާ ތަށްޓެއްގެ މެދުގައި ފޮޅިއެއް ބާއްވާށެވެ. ދެން އޭގެ މެދުގައި މަސްގަނޑުން މޭޒުމަތީ ސަމުސަލެއް ވަރުގެ އެތިކޮޅެއް ރޮނގެއްހެން ބާއްވާލާށެވެ. ރޮނގުގެ ދެކޮޅަށް ކުޑަ ތަންކޮޅެއް ދޫކޮށްލާށެވެ. ރޮނގުގެ ދެކޮޅުން ދޫކުރި ދެ ތަންކޮޅު އެތެރެއަށް ލަންބާލާފައި އޮބާލާށެވެ. ދެން ފޮޅީގެ ގަޔާއި ދުރުގައި އޮތް ފަޅީގެ އަރިމަތީގައި ފުށްތެރަސް އުނގުޅާށެވެ. ގަޔާ ކައިރިއަށް ވީ ފަޅިން ފަށައިގެން ފޮޅި އޮޅާލާފައި އޮބާލާށެވެ. ދެން ތަށްޓެއްގައި ބާއްވާށެވެ.   

ފާރޮށިކުނޑި ލާން ބޭނުން ކުރަން ހުރި ބިސްތައް ބޯތަށްޓަކަށް އަޅައި ގިރާލާފައި އެހަށް ބަހައްޓާށެވެ. ފާރޮށިކުނޑިތައް ބަތްކާ ތަށްޓަކަށް އަޅާފައި ބަހައްޓާށެވެ. ފޮޅިއެއް ނަގާފައި ބިސް އެތީގެ ތެރެއަށް ލާށެވެ. މުޅި ފޮޅީގައި ބިސް އުނގުޅިފައިވާކަން ޔަގީން ކުރާށެވެ. ދެން އެ ފޮޅި ފާރޮށިކުނޑި އެތީގެ ތެރެއަށް ލާށެވެ. މުޅި ފޮޅީގެ ބޭރުގައި ފާރޮށި ކުނޑި ހަރުލާނެ ގޮތަށް ފާރޮށިކުނޑި ތަކުގެ ތެރެއިން ފޮޅި ފުރޮޅާލާށެވެ. އެއަށްފަހު ތަށްޓެއްގައި ބާއްވާށެވެ.

ތެއްޔެއްގައި ތެޔޮ ހޫނުކުރާށެވެ. ތެލުލާއިރު ފޮޅީގެ ދެބައިކުޅަ އެއްބައި އޮންނަންވާނީ ތެލު އަޑީގައެވެ. އެހެންވީމައި ބޭނުން ކުރާ ތެއްޔަށް ބަލާފައި ތެޔޮ އަޅާވަރު ހެޔޮވަރު ކޮށްލާށެވެ. ތެޔޮގަނޑުގެ ހޫނުމިން ޗެކް ކުރުމަށްޓަކައި ރޯލް އަކުން ކުޑަ ފުށްކޮޅެއް ނަގާފައި ތެލުގެ ތެރެއަށް ވައްޓާލާށެވެ. ފުށްކޮޅު ތެލުގެ މައްޗަށް އަރައި އޭގެ ކައިރިން ބޮކި ޖަހާނަމަ އެހެރީ ތެޔޮގަނޑު ހޫނުވެފައެވެ.

ރޯލްސް ތެލުލާނީ ބައިބަޔަށް ބަހާލައިގެންނެވެ. މި ގޮތުން، ފުރަތަމަ ބައި ތެލުގެ ތެރެއަށް ލާފައި ރަތްކުލަ އަރަންދެން ތެލުލާށެވެ. ދެފުށްވެސް ތެލުލުމަށްޓަކައި ފުށުން ޖަހާލަން ޖެހޭނެއެވެ. ތެލުލެވުނީމައި ނަގާ ޓިޝޫ މަތީގައި އަތުރާލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން