ޕްރޮގްރެސިވް ކޯލިޝަންގައި އުފެދުނު ކޯޅުމުގައި ކުރީގެ ރައީސް ޔާމީނުގެ އަރިހުގައި އިސްކޮށް އުޅުއްވި އައްބާސް އާދިލް ރިޒާ ސިޔާސީ ވަޒީފާއަކާއެކު ކޮޅު ބަދަލު ކުރަށްވައިފިއެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދެވި އައްބާސްއަށް މިހާރުވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ސިޔާސީ މަޤާމެއް ދެއްވާފައެވެ. އެހެންކަމުން އޭނާ މިހާރު ގެންދަވަނީ އެ ވަޒީފާގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރަށްވަމުންނެވެ.

އައްބާސްއަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ޓްރޭޑް ރެޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައެވެ.

ރައީސް ޔާމީންގެ ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތުގައިވެސް ޙަރަކާތްތެރިވެ ވަޑައިގެންނެވި އައްބާސް ޕީއެންއެފްގެ ޖަގަހަ ޖަލްސާތަކުން ނުފެންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.

އައްބާސް ވަނީ 22 ޑިސެންބަރު 2022 ގައި "ކްލަބްހައުސް" ގައި ވާހަކަ ދައްކަމުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން ހަމަނުޖެހުމަށް ހިތްވަރުދީ ވާހަކަ ދައްކާފައެވެ.

އެމައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އައްބާސްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ ވަނީ އުފުލާފައެވެ.

ނަމަވެސް އެ މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ މިހާރު އޮތް ހިސާބު ސާފުވާގޮތް ވަނީ ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން