ޣައްޒާގެ ދެ މިލިއަނަށް ވުރެ ގިނަ ރައްޔިތުން އެ މީހުން ދިރިއުޅޭ ވަޒަނުން ނެރެލައި މިސްރަށް ފޮނުވާލަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފުން ޑީލެއް ހަދަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

މިސްރުގެ އިގުތިސާދު ބޮޑު ކާރިސާއަކަށް ވެއްޓިފައިވާއިރު އެގައުމުގެ ބޭރުގެ ދަރަނި މިހާރު ވަނީ 165 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. އެހެންވެ ކޮންމެހެން ވެސް ބޮޑު ލޯނެއް މިސްރަަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.

މިސްރުން 2022 ވަނަ އަހަރު ވަނީ އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އައިއެމްއެފްއާއެކު ޕެކޭޖަކަށް ވެސް ގޮސްފަ އެވެ. އެގޮތުން ތިން ބިލިއަން ޑޮލަރުގެ ޕެކޭޖަކަށް ދިޔަ ނަމަވެސް މިސްރާއި އައިއެމްއެފްއާއެކު އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު އައިއެމްއެފުން ދޫކުރީ ފުރަތަމަ އިންސްޓޯލްމަންޓްގެ ދަށުން އެންމެ 347 މިލިއަން ޑޮލަރެވެ.

ނަމަވެސް މިސްރުން އައިއެމްއެފްގެ ލޯނެއް ހޯދަން ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ވާހަކަތައް ވަރަށް ކާމިޔާބު ކަމަށް އައިއެމްއެފުން ވަނީ ބުނެފަ އެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މަޝްވަރާތަކުގައި ޣައްޒާއާ ގުޅޭ މަޝްވަރާތައް ވެސް ވަނީ ކޮށްފަ އެވެ.

ނަމަވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ނެރެލައި އަރަބި ގައުމުތަކުގައި ވަޒަންވެރި ކުރުވުން މީގެ ކުރިން ވެސް އިސްރާއިލުން އަރަބި ގައުމުތަކަށް ހުށަހަޅާފައި ވެއެވެ. އެތައް ބިލިއަން ޑޮލަރުގެ ފައިސާ ދޭގޮތަށް ހުށަހެޅި ހުށަހެޅުންތަކަށް މިހާތަނަށް ވެސް އަރަބި ގައުމުތަކުން އެއްބަސްވެފައެއް ނުވެއެވެ.

އިސްރާއިލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ފަސް މަސް ވާން ކައިރިވެފައިވާ އިރު މިއިން ޒަމާނަކުވެސް އިސްރާއިލުން ހަމަލާ ނުދޭ ވަރަށް ހަމަލާދީ ޣައްޒާގެ ރައްޔިތުންނަށް ބިރު ދައްކައި މިސްރަށް ފޮނުވާލަން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން