ޣައްޒާއާ ދެކޮޅަށް ނެރޭ އިސްރާއިލުގެ އެންމެ ބޮޑު ފައުޖު ލުބްނާނުގެ ބޯޑަރ ކައިރިއަށް ޖަމާކޮށްފި އެވެ.

އިސްރާއިލުގެ އެންމެ ބޮޑު، 36 ޑިވިޒަން ފައުޖު ލުބްނާނުގެ ބޯޑަރު ކައިރިއަށް ޖަމާކުރި އިރު އިިއްޔެ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ވަނީ އިސްރާއިލުގެ އަސްކަރީ ސައިޓްތަކަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފަ އެވެ.

އަދި އިސްރާއިލުން ވަނީ މިދިޔަ ހަފްތާ ބަންދުގައި ލުބްނާނުގައި އުޅުނު ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އިސް މީހަކު ޝަހީދުކޮށްލަން ވަރުގަދަ ހަމަލާއެއް ވެސް ދީފަ އެވެ. ނަމަވެސް އެ ހަމަލާއިން އޭނާ ވަނީ ސަލާމަތްވެފަ އެވެ.

އިސްރާއިލުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހަމަލާ އަމާޒުކުރީ ހަނގުރާމަވެރިން ރެކްރޫޓްކުރުމުގައި އުޅޭ ބަސޭލް ސާލިހު އަށެވެ.

ބަސޭލް ޝަޙީދުކޮށްލުމަށް ދިން ހަމަލާ ނާކާމިޔާބުވުމުން އިސްރާއިލުން ވަނީ އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާގައި ހިޒްބުﷲގެ މުޖާހިދަކު ޝަހީދުވި އެވެ. އެހެންވެ ހިޒްބުﷲ އިން ވަނީ ވަރުގަދަ ރައްދެއް ދީފަ އެވެ.

އިސްރާއީލުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ އިންސާނިއްޔަތުކަމެއް ނެތް ހަނގުރާމަ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ފެށިގެން ހިޒްބުﷲ އާ އިސްރާއިލާ ދެމެދު ހަމަލާތައް ބަދަލުކުރާ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ނަމަވެސް ހިޒްބުﷲ އާ އިސްރާއިލާ ދެމެދު ބޮޑު ހަނގުރާމައެއް އަދި ނުފެށެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން