ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް ފުރަތަމަ ދަތުރަށް ފުރައިފިއެވެ.

ހަތް ދުވަހުގެ ދަތުރަކަށް މި ކްރޫޒް ޝިޕް ފުރާފައިވަނީ އެމެރިކާގެ މިއާމީ ސިޓީއިންނެވެ. މި ކްރޫޒްގެ ފުރަތަމަ ދަތުރު ކުރިއަށް ގެންދާނީ ކެރިބިއަން ސަރަހައްދުގައެވެ.

އައިކޮން އޮފް ދަ ސީސް ނަމަކަށް ކިޔާ މި އުޅަނދުގެ ދިގުމިނުގައި 365 މީޓަރު (1،197 ފޫޓު) ހުންނަކަމަށްވެއެވެ. އަދި 20 ޑެކް ހިމެނޭ މި އުޅަނދުގައި އެއްފަހަރާ 7،600 ފަސިންޖަރުންނަށް ދަތުރުކުރެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. މި އުޅަނދު އޮޕަރޭޓް ކުރަނީ ރޯޔަލް ކެރިބިއަން ގްރޫޕް ނަމަކަށް ކިޔާ ކުންފުންޏެކެވެ.

ފިންލޭންޑްގެ ޝިޕްޔާޑެއްގައި ހަދާފައިވާ މި ބޯޓު ބަނުމަށް ރޯޔަލް ކެރިބިއަން ކުންފުނިން 2 ބިލިއަން ޑޮލަރު ހޭދަކުރިކަމަށްވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕްގެ ގޮތުގައި ތައްޔާރުކުރި މި ކްރޫޒްގައި ހަތް ސްވިމިން ޕޫލާއި ހަ ވޯޓާ ސްލައިޑް ހުރެ އެވެ. އަދި 40 އަށް ވުރެ ގިނަ ރެސްޓޯރެންޓާއި، ބާ އަދި ލައުންޖްތައް ވެސް ހުރެ އެވެ.

ރޯޔަލް ކެރިބިއަންގެ ވެބްސައިޓުގައިވާ ގޮތުން މިކްރޫޒްގެ ޓިކެޓެއްގެ އަގު އުޅެނީ ބޮލަކަށް 1،723 ޑޮލަރާއި 2،639 ޑޮލަރާ ދެމެދުގައެވެ. ނަމަވެސް ކްރިސްމަސް ފަަދަ ހައި ސީޒަންގައި ކްރޫޒް ގެ ޓިކެޓެއްގެ އަގު 5،000 ޑޮލަރާ ހަމައަށް އަރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް ފުރަތަމަ ދަތުރަށް ހުޅަނގުން ބޮޑު ސަމާލުކަމެއް ލިބުނުނަމަވެސް އެ އުޅަނދުން، ވައި ތަގައްޔަރު ކުރާ މީތޭން ގޭސް ދޫކުރާނެ މިންވަރާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް ތިމާވެށީގެ ރައްކާތެރިކަމަށް ވަކާލާތުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން