ސައުތް އެފްރިކާއިން އިޒްރޭލާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރުން އޮންނާނީ ހުކުރު ދުވަހުގައި ކަމަށް ބުނެފިއެވެ.

ދެކުނު އެފްރިކާއިން އިސްރާއީލުގެ މައްސަލަ އައިސީޖޭއަށް ގެންދިޔައީ، ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ އަމަލު ހިންގާ ކަމަށް ބުނެ، ނަސްލު ނައްތާލުން ހުއްޓުވައި އަދަބު ދިނުމުގައި ނާކާމިޔާބުވާ ކަމަށް ބުނެ އެވެ.

ޖެނުއަރީ 11 ވަނަ ދުވަހު މިކަމުގެ އަޑުއެހުންތައް ފެށިއިރު، އިސްރާއީލުން ވަނީ އެ ތުހުމަތުތަށް ދެކޮޅު ހަދައި، ގަތުލު ޢާންމު ހިންގި ކަމުގެ ތުހުމަތު ދޮގުކޮށްފައެވެ.

އިސްރާއީލުން އެގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ބުނީ ދެކުނު އެފްރިކާއިން "އިސްރާއީލުގެ ދައުލަތް ނައްތާލުމަށް ގޮވާލަނީ" ކަމަށާއި، އެގައުމުގެ "ދައުވާގައި ގާނޫނީ އަސާސެއް ވެސް ނެތް" ކަމަށެވެ.

ދެކުނު އެފްރިކާއިން ވަނީ ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް މިހާރު ލިބެމުންދާ "އިއާދަނުކުރެވޭ ގެއްލުމުން" ރައްކާތެރިކުރުމަށް "ވަގުތީ ފިޔަވަޅުތައް" ތަންފީޒު ކުރުމަށް ކޯޓުގައި އެދިފައެވެ.

ވަގުތީ ފިޔަވަޅުތަކަކީ ކޯޓު މެދުވެރިކޮށް މައްސަލަ ކުރިއަށްދާއިރު މައްސަލަ ބޮޑުވުން ހުއްޓުވުމަށް ކޯޓް އަމުރެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ފިޔަވަޅުތަކެކެވެ. އެހެން ނަމަވެސް، ކޯޓް އަމުރު ތަންފީޒުވުމަށް އެތަކެއް ދުވަހެއް ނަގާފާނެއެވެ. އަދި ކޯޓުގެ ހުކުމްތައް، އަމަލީ ގޮތުން ތަންފީޒު ކުރެވޭނެ ގޮތެއް ނެތް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުންދެއެވެ. އިޒްރޭލަށް ކުރިމަތިވާ ފާޑުކިޔުންތަކަށް ބެލުމެއްނެތި އެގައުމުން ދަނީ ޣައްޒާގައި ހިންގާ އަނިޔާވެރި އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ. އިޒްރޭލުން ޣައްޒާގެ ޢާންމުން ގަތުލުކުރަމުންދަނީ ޣައްޒާގައި އުޅޭ ހަމާސް ޖަމައާތް ނައްތާލުމުގެ ނަމުގައެވެ. ޣައްޒާގެ އުތުރު މުޅިންހެން ސުންނާފަތި ކުރުމަށްފަހު މިހާރު އިޒްރޭލުން ވަނީ ދެކުނު ސަރަހައްދުގެ އެންމެ ބޮޑު އަމާލް ހޮސްޕިޓަލްގައި ކާފިއުގެ ޙާލަތު އިއުލާންކޮށްފައެވެ.

އެގޮތުން، ރޭގައި އދ. ގެ މަރުކަޒަކަށް ދިން އުދުވާނީ ހަމަލާއަކީ އައިޑީއެފް އިން ދިން ހަމަލާއެއް ނޫން ކަމަށް ސަހްޔޫނީ އަސްކަރިއްޔާއިން ބުނެފައި ވެއެވެ. އެތަނަކީ ގިނަ އަދަދެއްގެ ޣައްޒާ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުންދާ ތަނަކަށްވީއިރު އިޒްރޭލުން ބުނީ އެހަމަލާއަކީ ހަމާސްއިން އަމާޒުކުރި ހަމަލާއެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން