7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު 25،105 އަށް އަރައިފި ކަމަށް ފަލަސްތީންގެ ހެލްތް މިިނިސްޓްރީން ބުނެފިއެވެ.

އޭގެ އިތުރަށްވެސް، މި ހަނގުރާމައިގައި މިހާތަނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ މީހުންގެ އަދަދު ވަނީ 62،681 އަށް އަރައިފައިއެވެ.

އެ މިނިސްޓްރީން މަޢުލޫމާތުދީފައިވާ ގޮތުގައި ސަހްޔޫނީ ސިފައިން ދިން އުދުވާނީ ހަމަލާތަކެއްގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް ފަލަސްތީންގެ 178 މީހުން ޝަހީދުވެފައި ވެއެވެ. އަދި 293 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ.

ހަރުކަށި ފިކުރުގެ ސަހްޔޫނީ ސިފައިންގެ އިސް ވެރިންވެސް ވަނީ ފަލަސްތީންގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތް ހަމާސް، ނައްތާލުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ގަބޫލުކޮށްފައިއެވެ. އެހެން ނަމަވެސް، ހަމާސް ނައްތާލެވެންދެން ހަނގުރާމަ ނުހުއްޓާނެ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ޝިކާރައަކަށްވީ އެތަކެއް މީހުން ދާއިމީ ނުކުޅެދުންތެރިކަމާއި ބަލިމަޑުކަމާއި ބަނޑުހައިހޫނުކަމާއި ބޯހިޔާވަހިކަމުން މަހުރޫމުވެފައިވާއިރު ނިރުބަވެރި އިޒްރޭލު ސިފައިންނަށްވެސް ހަނގުރާމައިގެ އަސަރު ކުރަމުންދާ ކަމަށް އަރަބި މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

މިއަދު އަލް އަރަބީ އިން ޝާއިއުކުރި ޚަބަރެއްގައި ބުނެފައިވާ ގޮތުގައި ވަރަށް ފަހުން އިޒްރޭލަށް އެނބުރި ދިޔަ އެޤައުމުގެ ސިފައިންގެ މީހަކު ވަނީ އޭނާގެ ރަހުމަތްތެރި ސިފައިންގެ މީހާ މަރާލާފައިއެވެ. އިޒްރޭލު ސަރުކާރުންވެސް ވަނީ އެގައުމުގައި އެފަދަ ހާދިސާތައް ހިނގަމުންދާ ކަމަށް މި ހަނގުރާމަ ތެރޭގައި ރިޕޯޓްކޮށްފައިއެވެ. އެގޮތުން، ޣައްޒާއިން އަނބުރާ އިޒްރޭލަށް އަންނަ އެތައް ހާސް ސިފައިންގެ ނަފްސާނީ ޙާލަތު ބަލިކަށިވެ، އެމީހުންނާއިއެކު ދިރިއުޅޭ މީހުންނަށް ނުރައްކަލަކަށް ވެފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ. އެ ސަބަބާއި ގުޅިގެން ޣައްޒާއިން އެނބުރި އަންނަ ސިފައިންނަށް ޚާއްސަ ނަފްސާނީ ކްލިނިކެއްވެސް ގާއިމުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން