ހޫތީންގެ ހަމަލާތަކާއި ގުޅިގެން ޔޫރަޕްގައި ތެލުގެ އަގު ބޮޑުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިޒްރޭލާއި އެމެރިކާއާއި އިނގިރޭސިވިލާތާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސީދާ އަސަަރު ޔޫރަޕްގެ ގައުމުތަކަށްވެސް މިހާރު ވަނީ ކުރަން ފަށައިފައެވެ. އެގޮތުން، ރަތް ކަނޑު މެދުވެރިވެގެން މި ގައުމުތަކަށް ދަތުރުކުރާ އުޅަނދުތަކާއި އެޤައުމުތަކަށް ނިސްބަތްވާ ބޯޓުފަހަރު މެދުކެނޑުމެއްނެތި ހިފަހައްޓަމުންދާނެ ކަމަށް ހޫތީން ބުނެފައިވެއެވެ.

އޭގެ ސަބަބުން ޔޫރަޕަށް ދަތުރުކުރާ ގިނަ އުޅަނދުފަހަރުވެސް އެފްރިކާ ވަށާލައިގެން ދިގު ރާސްތާއެއްގެ ދަތުރު ކުރަން ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ޔޫރަޕްގައި ތެލުގެ ސަޕްލައި ދަށްވެ، ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ބޮޑަށް އަގުތައް އުފުލިގެންދާނެ ކަމަށް އިގްތިޞާދީ މާހިރުން ލަފާކޮށްފައި ވެއެވެ. ދިގު ރޫޓުގެ ސަބަބުން ތެލާއި ފަޅުވެރިންނާއި އިންޝުއަރެންސްގެ ހަރަދު ބޮޑުވުމުގެ ސަބަބުން މުދާ އުފުލުމުގެ ރޭޓް ވެސް ވަނީ ބޮޑުވެފައެވެ.

ހޫތީންގެ ހަރަކާތްތައް މިހާތަނަށް ގިނަވެފައިވަނީ އަދަންގެ ގަލްފާއި ރަތް ކަނޑާ ގުޅޭ ބާބު އަލް މަންޑަބްގެ ހަނި ކަނޑުއޮޅީގައެވެ. ކޮންމެ ދުވަހަކު ގާތްގަނޑަކަށް 50 ބޯޓު މި ސްޓްރެއިޓް ތެރެއިން ދަތުރުކުރެއެވެ. މި ސަރަހައްދަކީ ދުނިޔޭގެ ވިޔަފާރި ދަތުރުތަކަށް މުހިންމު ރޫޓެކެވެ.

ހުކުރު ދުވަހު އެކުލަވާލި ބްރެންޓް ކޮންޓްރެކްޓްގެ ޕްރީމިއަމް ހަ މަސް ދުވަހުގެ ކޮންޓްރެކްޓްގެ ދަށުން ތެޔޮ ފީފާއެއްގެ އަގު 2.15 ޑޮލަރަށް އަރާފައިވާއިރު، މިއީ ޔޫރަޕްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު މިންވަރު ކަމަށް އިގްތިޞާދީ މާހިރުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން