13 ގަޑިއިރުގެ ފްލައިޓެއް ޑިލޭވުމުގެ ސަބަބުން ފައިލަޓް ގައިގައި ޖެހި އިންޑިއާ ފަސިންޖަރަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ނިއުދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަމަށް ހިންދުސްތާން ޓައިމްސް އިން ބުނެފައިވެއެވެ. ދިއްލީން ގޯއާއަށް ދަތުރުކުރަން ހަމަޖެހިފައިވާ މި ބޯޓަށް 13 ގަޑިއިރުގެ ޑިލޭއެއް ކުރިމަތިވީ އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުގައި މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ޖެނުއަރީ 14 ވަނަ ދުވަހު އިންސްޓަގްރާމް ހޭންޑްލް އެއްގައި އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ފްލައިޓް ޑިލޭވިކަން އިއުލާން ކުރަމުންދިޔައިރު ރީނދޫ ކުލައިގެ ހޫޑީއެއްގައި ހުރި ފަސިންޖަރަކު ފައިލެޓާއި ދިމާލަށް ދާން ފެށިއެވެ. ބޯޓުގެ ކެޕްޓަންގެ ގަޔަށް އަމާޒުކުރި އެތިފަހަރުން އޭނާ ސިއްސައިގެންދިޔައެވެ. ޕައިލެޓަށް އިތުރަށް ހަމަލާދިނުން ހުއްޓުވުމަށް ދެ ކެބިންކްރޫއިން މަސައްކަތް ކޮށްފައި ވެއެވެ. އެއަށްފަހު އެހެން ފަސިންޖަރެއް ވަނީ އެފިރިހެންމީހާ ހުއްޓުވާފައެވެ.



އިންސްޓަގްރާމްގައި ވީޑިއޯ ޕޯސްޓުކުރި އަންހެންމީހާ ބުނީ އިންޑިގޯ އެއާލައިންސްގެ އެމަތިންދާ ބޯޓުގެ ޕައިލެޓް ފަސިންޖަރުންގެ ޝަކުވާތަކަށް ރަނގަޅަށް ޖަވާބުދިނުމުގެ ބަދަލުގައި ފަސިންޖަރުންނާއި ނުރުހުމުގެ ރާގަކަށް ވާޙަކަދައްކާފައި ވާކަމަށެވެ.

"ހަމައެހެންމެ ކްރޫ ވެސް ކަންތައް ކުރީ ރަނގަޅަށް ނޫން! މީހުންނަށް ކާނާއާއި ފެންވެސް ނުދޭ! ޕައިލެޓް ގައިގައި ޖެހުމަކީ ގޯހެއް." ވީޑިއޯ ހިއްސާކުރި ފަސިންޖަރު އޭނާގެ ތަޖުރިބާއާއި ބެހޭގޮތުން ވާހަކަދައްކަމުން ބުނެފައި ވެއެވެ.

އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިގޯ އެއާލައިންސް އިން އެފިރިހެންމީޙާއާއި ދެކޮޅަށް މައްސަލަ ހުށަހެޅުމުން ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ފުލުހުން ބުނީ ތަހުގީގުތައް ކުރިއަށްދާ ކަމަށާއި، ބޯޓު ކެޕްޓަނަށް އަނިޔާ ދިނުމުގެ ކުށް ސާބިތުވެއްޖެނަމަ އޭނާއަށް އަދަބު ދެވޭނެ ކަމަށެވެ.

އިންޑިގޯ އެއާލައިންސްއިން ވަނީ އެ ހާދިސާއަށް ހައްލެއް ހޯދުމަށް އެތެރޭގެ ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ. އެއާއެކު، އެ ފަސިންޖަރު އެއާލައިންގެ "ނޯ ފްލައި ލިސްޓް" ގައި ޝާމިލްކުރުމަށް ވިސްނާ ކަމަށްވެސް ބުނެފައި ވެއެވެ.

މި ފިރިހެންމީހާ އިންޑިއާގެ ވެރިރަށް ދިއްލީއިން ގޯއާއަށް ދަތުރުކުރީ ހަނީމޫން ދަތުރެއްގައި ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން