ރަޝިއާގެ ރައީސް ވުލަޑިމިއާ ޕޫޓީން ---
ރަޝިއާގެ ރައީސް ވުލަޑިމިއާ ޕޫޓީން ---
ޔުކްރޭނަށް ދޭ ހަމަލާތައް ވަރުގަދަ ކުރައްވާނެ ކަމަށް ރަޝިއާގެ ރައީސް ވުލަޑިމިއާ ޕޫޓީން ވައުދުވެވަޑައިގެންފި އެވެ.

ޕޫޓިން އެފަދައިން ވިދާޅުވެފައި މިވަނީ ޔުކްރޭނަށް ރަޝިއާގެ އާންމުންނަށް އަމާޒުކޮށް ރަޝިއާގެ ބެލްގޮރޯޑްއަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ނެވެ.

މިދިޔަ ހޮނިހިރު ދުވަހު ޔުކްރޭނުން ދިން އެ ހަމަލާގައި 24 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. އެ ހަމަލާގައި ބައިނަލްއަގުވާމީ މުއާހަދާތަކުން މަނާކޮށްފައިވާ ހަތިޔާރުގެ ބާވަތެއް ކަމަށްވާ ކްލަސްޓާ ބޮން ވެސް ޔުކްރޭނުން ބޭންކޮށްފައިވާ ކަމަށް ރަޝިއާއިން ވަނީ ބުނެފަ އެވެ.

އެހެންވެ ޔުކްރޭނުން ދިން ހަމަލާއަށް ވަރުގަދަ ރައްދުގެ ހަަމަލާތަކެއް ނުދީ ނުހުންނަވާނެ ކަމަށް ޕޫޓިން ވަނީ ވިދާޅުވެފަ އެވެ،

"އެއީ ޔަގީނުން ވެސް ޓެރައިޒަމްގެ ހަމަލާއެއް. އެ ނޫން ގޮތަކަށް އެ ހަމަލާ ސިފައެއް ނުކޮށްދެވޭނެ. ޔުކްރޭންއިން ދޭ ހަމަލާތަކާ ގުޅިގެން ރަޝިއާގެ އާންމުން މިހާރު މިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައި." ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ ރަޝިއާއަށް ވެސް ރައްދުގައި ޔުކްރޭނަށް ކާޕެޓް ބޮން އަޅައި އާންމުންގެ އެތައް ބަޔަކު މެރިދާނެ ކަމަށެވެ.

އެހެން ނަމަވެސް ޔުކްރޭންގެ އާންމުންނަށް ހަަމަލާ ނުދޭނެ ކަމަށާއި އޭގެ ބަދަލުގައި ޔުކްރޭންގެ މިލިޓަރީ ސައިޓްތަކަށް ދޭ ހަމަލާތައް ފުޅާ ކުރައްވާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާއާއި ޔުކްރޭންގެ ހަނގުރާމަ ފެށުނީ 2022 ވަނަ އަހަރު ފެބްރުއަރީ މަހު އެވެ. އެ ހަނގުރާމަ ހުއްޓުމުގެ އެއްވެސް ކޮޅެއް ނުފެންނައިރު މުހައްލިލުން ބުނާ ގޮތުގައި ހަނގުރާމަ އެތައް އަހަރަކަށް ދެމިގެން ހިނގައިދާނެ އެވެ.

ހަނގުރާމަ ފެށިފަހުން ރަޝިއާއިން ވަނީ ޔުކްރޭންގެ 20 އިންސައްތަ ބިން ހިފައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން