މިއަދު ފެށުނު އައު އަހަރު ތެރޭގައިވެސް ޣައްޒާގައި ހަނގުރާމަ ކުރިއަށްގެންދާނެ ކަމަށް އިޒްރޭލުން ބުނެފިއެވެ.

އިޒްރޭލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ދާނިއަލް އަގަރީ މިހެން ބުނީ އައު އަހަރާއި ގުޅުވައިގެން އައިޑީއެފްއިން ދިން މެސެޖެއްގައެވެ.

"މުޅި މި އަހަރަށް ދިގުދެމިގެންދާނެ ގޮތަކަށް މަގުފަހިކުރުމަށް އިތުރު ސިފައިން (ފަލަސްތީނަށް) ފޮނުވަމުންދާނެ. ބައެއް ސިފައިން ގައިގައި ވަރުޖައްސަން ބްރޭކެއް ދިނުމަށްފަހު ހަނގުރާމައަށް ތައްޔާރުކުރާނަން." އަގަރީ ބުނީ ރިޒާވް ސިފައިންނަށް ބްރޭކެއް ދިނުމަށްފަހު އަލުން ހަނގުރާމައިގެ މައިދާނަށް ނެރޭނެ ކަމަށެވެ.

ބައިނަލްއަގްވާމީ މުޖުތަމައުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންދާއިރު އިޒްރޭލުން ދަނީ މެދުކެނޑުމެއްނެރި ހަނގުރާމަކުރަމުންނެވެ. ފަލަސްތީންގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސްއިން ދަނީ ކޮންމެދުވަހަކުވެސް ވަކި ވަރަކަށް އިޒްރޭލު ސިފައިން މެރުމުގެ އިތުރަށް އިޒްރޭލުން ބޭނުންކުރާ ޓޭންކަރުތައްވެސް ސުންނާފަތިކުރަމުންނެވެ.

އެކަމަކު، އިޒްރޭލު ސިފައިން ގުރުބާންކޮށްގެންވިޔަސް، ޣައްޒާގައި ޤަތުލުޢާންމު ހިންގަން އިޒްރޭލުން ދަނީ 24 ގަޑިއިރު ތެރޭގައި ފަލަސްތީންގެ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ. އެގޮތުން، އިޒްރޭލުގެ އަސްކަރީ ޚިދުމަތާއި ގުޅުމަށް އިންކާރުކުރާ ޒުވާނުން 30 ދުވަހަށް ޖަލަށް ލަމުން ދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ނިމިދިޔަ އޮކްޓޫބަރ މަހު ފެށި މި ހަނގުރާމައިގައި މިހާތަނަށް 21،800 އަށްވުރެ ގިނަ ފަލަސްތީން މީހުން ވަނީ މަރާލާފައެވެ. މުޅި ޣައްޒާއިން ފަލަސްތީން މީހުން ބޭރުކޮށް، ޔަހޫދީން އާބާދުކުރުމުގެ މަޤްޞަދު ހާސިލުވަންދެން ހަނގުރާމަ ހުއްޓާނުލަން އިޒްރޭލު ސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން