އިޒްރޭލުން ދިން ހަމަލާތަކުގައި 24 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ 165 މީހުން ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީންގެ ހެލްތް މިނިސްޓްރީއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރިގޮތުގައި އިޒްރޭލުން ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި 24 ގަޑިއިރު ތެރޭގައި ފަލަސްތީންގެ 250 މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

އޭގެ އިތުރަށްވެސް ނިރުބަވެރި އިޒްރޭލް ސަރުކާރުން ދަނީ ފަލަސްތީންގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ބަޔަކު ހައްޔަރުކުރަމުންނެވެ. ފަލަސްތީންގެ ޕްރިޒަނާސް ސޮސައިޓީން މަޢުލޫމާތުދިން ގޮތުގައި ރޭގައި އެކަނިވެސް އިޒްރޭލުން ވަނީ ހުޅަނގު އައްސޭރިން 14 މީހުން ހައްޔަރުކޮށްފައެވެ.

ގަތުލުޢާންމު ހިންގާތީ އިޒްރޭލާއި ދެކޮޅަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓްގައި ސައުތު އެފްރިކާއިން ވަނީ ދައުވާވެސް ކޮށްފައެވެ. ބައިނަލްއަގްވާމީ މުޖުތަމައުން އިޒްރޭލާއި ދެކޮޅަށް އަޑުއުފުލަމުން ދިޔަ ނަމަވެސް، އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ދަނީ މެދުކެނޑުމެއްނެތި އެޤައުމުގެ އަސްކަރިއްޔާއަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ.

އެގޮތުން، އެމެރިކާއިން އިއްޔެ ވަނީ އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ބަހެއް ނުހޯދާ އިޒްރޭލަށް ބޮޑެތި އަދަދުތަކުން ހަނގުރާމައިގައި ބޭނުންކުރާ އެކި ސާމާންތައް "އިމަޖެންސީ"ކޮށް ރައްދުކޮށްދީފައެވެ. މިކަމާއި ބެހޭގޮތުން އެމެރިކާ ވަރަށް ގިނަ މީހުން ބުނެފައިވާގޮތުންނަމަ އެއީ އެޤައުމުގެ ޤާނޫނާއި ޤަވާއިދުތަކާއި މުޅިން ޚިލާފަށް ކުރި އަމަލެކެވެ.

އޮކްޓޫބަރ 7 އިން ފެށިގެން އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 21،672 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން