އިސްރާއީލުން ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އެތައް ދުވަހަކަށް ދިގު ދެމިގެންދާނެ ކަމަށް އިސްރާއީލުގެ އަސްކަރީ ވެރިޔާ ހާމަކޮށްފިއެވެ.

އިއްޔެ ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ޓީވީ އަކަށް އިންޓަވިއު އެއް ދެމުން އިސްރާއީލުގެ ޗީފް އޮފް ސްޓާފް ހެރްޒީ ހަލެވީ ވިދާޅުވީ ހަނގުރާމަ "ގިނަ ދުވަސްތަކެއް ވަންދެން" ކުރިއަށްދާނެ ކަމަށެވެ.

"މިކަމުގައި ހައްލެއް ނެތް، ޓެރަރިސްޓް ޖަމާއަތެއް ރޫޅާލުމުގައި ޝޯޓްކަޓްތަކެއް ނެތް، ހަމައެކަނި އަޒުމް ވަރުގަދަ ކޮށް ހަނގުރާމައާއެކު ކުރިއަށް ދިއުން އޮތީ،" ހަލެވީ ވިދާޅުވި އެވެ. “ހަފްތާއެއް ހޭދަވިޔަސް މަސްތަކެއް ހޭދަވިޔަސް އަމާޒަކީ ހަމަލާތައް ހަމާސްގެ ލީޑަޝިޕާ ހަމައަށް ވާސިލްވުން.”

އިސްރާއީލުގެ ހަމަލާތައް މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ވަރުގަދަކޮށްފައިވާއިރު، މިހަމަލާތައް ބޮޑަށް އަމާޒުވެފައިވަނީ ޣައްޒާގެ ސެންޓްރަލް އޭރިއާ ސަރަހައްދަށެވެ. އެގޮތުން އިސްރާއީލު ސިފައިން ވަނީ އެ ސަރަހައްދު ދޫކޮށް އާންމުން ދިއުމަށްވެސް އަންގާފައެވެ. ނަމަވެސް ފަލަސްތީނުގެ އާންމުން ދާން ރައްކާތެރި ތަނެއް ދެން ނެތް ކަމަށް އެމީހުން ބުނެއެވެ.

ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާގޮތުން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ގާތްގަނޑަކަށް 21،000 މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން