އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 20،000 އަށްވުރެ މައްޗަށް އަރައިފިކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ މިދިޔަ މަހުގެ 07 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ޣައްޒާ އިން 20،057 މީހުން ޝަހީދު ވެފައިވާކަން ރަސްމީ ލިޔެކިޔުންތަކުން އެނގެން އެބަހުރިކަމަށެވެ. އަދި މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަމަށް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

ޣައްޒާ އަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ސިޓީއެކެެވެ. ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. އދ. އިން ބުނާގޮތުގައި ހަނގުރާމައާއި ގުޅިގެން ޣައްޒާގެ އެތައް މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެެވެ. މީގެއިތުރުން، ޣައްޒާގެ ބައި މިލިއަނަށް ވުރެ ގިނަ މީހުން، އާބާދީގެ ތިންބައިކުޅަ އެއްބައި، ބަނޑުހައިހޫނުކަމުގައި ތިބި ކަމަށް ބުރާސްފަތި ދުވަހު އދ އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވެއެވެ.

އޮކްޓޯބަރު މަހު ހަތެއްގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ރައްދުގައި އިޒްރޭލުން ފެށި ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ސިފައިން އަންނަނީ ޣައްޒާގެ ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީ ކޭމްޕުތަކާއި ސްކޫލްތަކަށް ބެލުމެއް ނެތި ހަމަލާދީ ލާއިންސާނީ އެތައް ޖަރީމާއެއް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން