އުތުރު ކޮރެއާގެ ދުޝްމަނުން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށް އެގައުމަށް ބިރުދައްކައިފިނަމަ ނިއުކްލިއާ ހަމަލާއެއް ދޭން ފަސްނުޖެހޭނެ ކަމަށް އެގައުމުގެ އިސްވެރިޔާ ކިމް ޖޮންގް އުން ވިދާޅުވެފައިވާކަމަށް، ދައުލަތުގެ މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފިއެވެ. މިއީ މިފަދަ އިންޒާރެއް އުތުރު ކޮރެއާއިން ދިން ފުރަތަމަ ފަހަރެއް ނޫނެވެ.

ކިމް މިހެން ވިދާޅުވީ އަސްކަރިއްޔާގެ މިސައިލް ބިއުރޯގައި މަސައްކަތްކުރާ ސިފައިންނާ ބައްދަލުކުރައްވައި އެގައުމުން ދާދި ފަހުން ލޯންޗު ކުރި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ޑްރިލްގެ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ކަމަށް އުތުރުކޮރެއާގެ ދައުލަތުގެ މީޑިއާ، ކޭސީއެންއޭ ނޫސް އެޖެންސީން ބުނެ އެވެ.

ކިމް ވިދާޅުވީ މިސައިލް ޑްރިލް އިން ހަތިޔާރު އެޅި ސިފައިންގެ ވަފާތެރިކަމާއި ވަރުގަދަ ސްޓޭންޑް ދައްކުވައިދޭ ކަމަށާއި އަދި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށް އެގައުމަށް ބިރުދައްކައިފިނަމަ ނިއުކްލިއާ ހަމަލާއެއް ދޭން ފަސްނުޖެހޭނެ ކަން ދައްކުވައިދޭ ނިއުކްލިއާ ސްޓްރެޓެޖީގެ ކާމިޔާބީވެސް ދައްކުވައިދިންކަމަށެވެ.

އުތުރު ކޮރެއާއިން މި ހަފްތާގެ ހޯމަ ދުވަހު ނިއުކްލިއަރ ހަތިޔާރެއް ޓެސްޓުކޮށްފައިވާއިރު، މި ޑްރިލް އަކީ އެމެރިކާގެ ބާރުތަކާއި ދެކޮޅަށް އުތުރުކޮރެއާއިން ހަނގުރާމައަށް ތައްޔާރަށް ހުރި މިންވަރު ވަޒަންކުރުމަށް ކުރިއަށްގެންދިޔަ ޑްރިލްއެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޑްރިލް އާއެކު އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނުގެ މަތީ ޑިޕްލޮމެޓުން ބުދަ ދުވަހު ނެރުނު ޖޮއިންޓް ބަޔާނެއްގައި އުތުރު ކޮރެއާއިން ފޮނުވާލި ބެލިސްޓިކް މިސައިލް ޓެސްޓުކުރުން ކުށްވެރިކޮށް، ޝަރުތުތަކާ ނުލައި މަޝްވަރާތައް ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން