ބުލްޑޯޒަރ ބޭނުންކޮށް އިސްރާއީލު ސިފައިން ވަދެގަތް ޣައްޒާގެ އުތުރުގެ ސަރަހައްދުގައި ހުންނަ ކަމަލް އަދްވާނީ ހޮސްޕިޓަލް ބޭނުން ނުކުރެވޭ ވަރައް ހަލާކުކޮށްލުމުން ބަލިމީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރަން މަޖުބޫރުވެފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރޭ ހާމަކޮށްފިއެވެ.

ސިއްހަތު ޖަމިއްޔާއިން ބުނީ ތުއްތު ކުދިން ހިމެނޭ ގޮތަށް އެހޮސްޕިޓަލުގައި ތިބި ބަލިމީހުން ނެރެ ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމަށް މަޖުބޫރުވިކަމަށެވެ. އަދި ހޮސްޕިޓަލަށް ދިން މި ހަމަލާ އާއެކު ޣައްޒާގެ ސިއްހީ ހިދުމަތްތަކަށް އިތުރު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނީ އިސްރާއީލުގެ ސިފައިން ކަމާލް އަދުވާނީ ހޮސްޕިޓަލަށް ބުލްޑޯޒަރެއް ބޭނުންކޮށްގެން ހަމަލާދީ، ހޮސްޕިޓަލް ފުނޑު ފުނޑު ކޮށްލުމަށް މަސައްކަތްކޮށްފައިވަނީ މިދިޔަ ހަފްތާގައިކަމަށެވެ.

އިސްރާއީލުން ބުނީ ހޮސްޕިޓަލަށް ހަމަލާ ދިނީ އެ ހޮސްޕިޓަލަކީ ހަމާސްގެ ހަނގުރާމަވެރިން ބޭނުން ކުރަމުން އަންނަ ހޮސްޕިޓަލެއް ކަމަށް ވާތީ ކަމަށެވެ. މީގެ ކުރިންވެސް ހަމާސް ހަގުރާމަވެރިން ތިބި ކަމަށްބުނެ ޣައްޒާގެ ސިއްހީ ޚިދުމަތްދޭ ތަންތަނަށް އިސްރާއީލުން ވަނީ ހަމަލާ ދީފައެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ގިނަ ހޮސްޕިޓަލްތައް އޮޕަރޭޓް ނުކުރެވޭ ހާލަތްތަކަށް ގޮސްފައިވާއިރު، އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ޣައްޒާގެ އުތުރުގެ ސިއްހީ ހިދުމަތްތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން