ޗައިނާގެ ހުޅަނގު އުތުރުގެ ފަރުބަދަމަތީ ސަރަހައްދަކަށް 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއްގައި 111 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

ޝިންހުއާގެ ރަސްމީ ނިއުސް އެޖެންސީން ބުނީ ހޯމަ ދުވަހުގެ ރޭ ދަންވަރު އައި ބިންހެލުމުގައި ގަންސޫ ޕްރޮވިންސުން 100 މީހުން މަރުވެފައިވާއިރު އަވަށްޓެރި ޗިންގްހައި ޕްރޮވިންސުން އިތުރު 11 މީހަކު މަރުވެފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން މި ބިންހެލުމުގައި 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ގަންސޫގައި 96 މީހުންނާއި ޗިންގްހައިގައި 124 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މި ބިންހެލުން އައިސްފައި ވަނީ ޗިންގައިއާ ޕްރޮވިންސް ބޯޑަރާއި ގާތްގަނޑަކަށް 5 ކިލޯމީޓަރު (3 މޭލު) ދުރުގައި އޮންނަ ގަންސޫގެ ޖިޝިޝާން ކައުންޓީ ސަރަހައްދަށެވެ. އަދި ޗައިނާގެ ވެރިރަށް ބެއިޖިންގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 1،450 ކިލޯމީޓަރު (900 މޭލު) ދުރުގައި އޮންނަ ގަންސޫ ޕްރޮވިންސްގެ ވެރިރަށް ލަންޒޯ އަށްވެސް މި ބިންހެލުުމުގެ އަސަރު އިހުސާސް ވެގެންދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ ސްޓޭޓް ބްރޯޑްކާސްޓަރ ސީސީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން ފެނާއި ކަރަންޓް ލައިންތަކުގެ އިތުރުން ދަތުރުފަތުރާއި މުވާސަލާތީ އިންފްރާސްޓްރަކްޗާއަށް ވެސް ގެއްލުންތަކެއް ލިބިފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން