ޒާރާ ބްރޭންޑުން މުސްލިމުންނަށް މަލާމާތްކުރާ ޒާތުގެ އިޝްތިހާރެއް އުފެއްދުމުން ގިނަ ބައެއްގެ ނުރުހުންވުން އަމާޒުވެއްޖެއެވެ.

ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މި ޑިޒައިނާ ބްރޭންޑުން ސެންޓު އަދި އަންނައުނުގެ ތަފާތު ބާވަތްތައް އުފައްދައެވެ. ޒާރާގެ އިޝްތިހާރުތަކަކީވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދަމުންދާ އިޝްތިހާރުތަކެކެވެ. އެހެން ނަަމަވެސް، އެ ކުންފުނިން އެންމެ ފަހުން އުފެއްދި ވީޑިއޯއެއްގައި ދައްކަނީ ހެދުމުގެ ބަދަލުގައި ހުދުކުލައިން މުޅި މޫނާއި ހަށިގަނޑު ނިވާކޮށްފައިވާ މޮޑެލެކެވެ. އެ އިޝްތިހާރުގައި ސުންނާފަތިވެފައިވާ ދޮރެއް ސިފަވާ ގޮތަށް ހުރި ފޮށްޓަކުން ނިކުންނަ މީހަކު ހުންނަނީ ހުދު ފޮތިން ނިވާވެގެން ހުރި މީހަކު އުފުލައިގެންނެވެ. މި އިޝްތިހާރުން ފެނިގެންދާ އިތުރު މޭނިކިއުންތަކުގެވެސް އަތް ނޫނީ ފައެއް ނެތެވެ. މުސްލިމުން މައްޔިތުން ކަފުން ކުރަން ބޭނުންކުރަނީ ހުދު ފޮއްޗެވެ.

7 އޮކްޓޫބަރަށްފަހު އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި އެތަަކެއް ފަލަސްތީން މީހުންނަށް ލިބުނު އަނިޔާތަކުގައި އަތް ނުވަތަ ފައި ވަނީ ބުރިކޮށްލަން ޖެހިފައެވެ.

މި ސަބަބާއި ގުޅިގެން ޒާރާ ކުންފުންޏަށް ވަރަށް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. ވަކިން ޚާއްސަކޮށް ފަލަސްތީނުގެ އެތަކެއް މީހުން ޝަހީދުވަމުންދާ ދުވަސްވަރެއްގައި ޒާރާއިން ފެޝަނާއި ނުގުޅޭ އެއްވެސް މެސެޖެއް ރައްދުނުވާ ފަދަ އިޝްތިހާރެއް ޢާންމުކުރުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށްވެސް މީހުން ބުނެފައި ވެއެވެ.

ޒާރާ ބްރޭންޑް ވެރިޔާ ކަމަށްވާ އިންޑިޓެކްސް އިން ބުނީ އެ އިޝްތިހާރަކީ އެއްވެސް ދީނެއްގެ މީހަކަށް ނިސްބަތްކޮށް އުފައްދާފައިވާ އިޝްތިހާރެއް ނޫން ކަމަށެވެ. އަދި އެ އިޝްތިހާރު އުފެއްދީވެސް 7 އޮކްޓޫބަރުގެ ކުރިން ކަމަށް އިންޑިޓެކްސް އިން ބުނެފައި ވެއެވެ. މިހާރު ފަަލަސްތީނުގެ ދިފާއުގައި ވާހަކަދައްކާ އެކްޓިވިސްޓުން ވަނީ ޒާރާ ބްރޭންޑްގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލާފައެވެ.

އެކަމާއި ގުޅިގެން މިހާރު އެކުންފުނިން ވަނީ އެއިޝްތިހާރު މީސް މީޑިއާގެ މަންސަތަކުން ޑިލީޓް ކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން