އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދާއިރާތައް އިތުރުވެފައިވާ ގޮތާއި، އަންނާނެ އެހެން ބަދަލުތައް އިލެކްޝަން ކޮމިޝަނުން މިރޭ އާންމުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މަޖިލިސް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެެ. އެގޮތުން އެ ކޮމިޝަނުން މިރޭ ވަނީ މަޖިލީހުގެ ބައެއް ދާއިރާތަކުގެ ނަންތަކަށް ބަދަލު އައިސްފައިވާކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ތަފްސީލް އާންމުކޮށްފައެވެ.

މަޖިލިސް އިންތިހާބުގައި އިތުރުވި 6 ދާއިރާގެ ތެރޭގައި ހިމެނޭ ދާއިރާތައް ތިރީގައި އެވަނީއެވެ.

ހުޅުމާލެ މެދު ދާއިރާ

ހުޅުމާލެ އުތުރު ދާއިރާ

ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)

ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)

ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)

ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)އިލެކްޝަން ކޮމިޝަނުން މިރޭ އާންމުކުރި ވަގުތީ ރިޕޯޓުގައި ބުނެފައިވަނީ އެ ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނި ކަމަށެެވެ. އަދި ބައެއް ދާއިރާތަކުގެ ނަމަށްވެސް ބަދަލު އަންނާނެ ކަމަށް ރިޕޯޓްގައިވެއެވެ.

އެގޮތުން ހުޅުމާލެ ދާއިރާގެ ނަން "ހުޅުމާލެ ދެކުނު ދާއިރާ"އަށް، ކ. ގުރައިދޫ ދާއިރާގެ ނަން "މާފުށި ދާއިރާ"އަށް، ތ. ގުރައިދޫ ދާއިރާގެ ނަން "ގުރައިދޫ ދާއިރާ"އަށް އަދި ފޭދޫ ދާއިރާގެ ނަން "ފޭދޫ ދެކުނު ދާއިރާ"ގެ ނަމަށް ބަދަލުވާނެ ކަމަށް ވަގުތީ ރިޕޯޓްގައި ބުނެފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން މިރޭ ބުނީ ވަގުތީ ރިޕޯޓަށް މާދަމާ އިން ފެށިގެން، އޮކްޓޯބަރު 19 ގެ ނިޔަލަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބައެވެ. ނަމަވެސް 2024 ގައި ހޮވާ މަޖިލީހަށް ހަ ގޮނޑިއެއް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު، ދެން އިންތިހާބު ކުރާ މަޖިލީހުގެ ޖުމްލަ ގޮނޑީގެ އަދަދަކީ 93 ގޮނޑިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން