ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމުން އިސްތިޢުފާ ދެއްވި އަބްދުއްރައޫފް
ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމުން އިސްތިޢުފާ ދެއްވި އަބްދުއްރައޫފް
ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާއިލް ޝަފީއު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 19 ބޭފުޅަކު އެ މަޤާމުތަކަށް ޝައުގުވެރިކަން ފާޅުކުރަށްވާފައިވެއެވެ. ޖޭއެސްސީން މި ދެ ބޭފުޅުން އައްޔަންކުރަން ނިންމީ ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އިންޓަވިއުއާއި ކަމާބެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހުގައެވެ.

ހައި ކޯޓަށް އަލުން އައްޔަންކުރާ އަބްދުއްރައޫފަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުން ދޫކުރި ފްލެޓެއް ބައްލަވައިގަތް މައްސަލައަކާ ގުޅިގެން، ނިމިދިޔަ ސަރުކާރުގެ ދައުރުގައި އޮތް ޖޭއެސްސީން އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށް އަމިއްލައަށް އިސްތިއުފާ ދެއްވި ބޭފުޅެކެވެ. އިސްތިއުފާއަށްފަހު އޭނާ ވަނީ މިހާރުގެ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ކެޔޮދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރަށްވާފައެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމު ހުސްވީ އެ ކޯޓުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާ ކުރެއްވުމާއި، ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުން ހުސްވެފައިވާ ޤާޟީ ކަމުގެ މަގާމަށް ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޔާޒު އައްޔަން ކުރުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ. ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމެއް ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފާއިޒް ރަޝާދު ވަކިކުރުމާ ގުޅިގެންނެވެ.

މި ބޭފުޅުން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިރޭ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް