އީސީގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
އީސީގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ، އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވަނީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކެންޑިޑެންސީ ގަބޫލުކޮށް، ލިޔުން ދޫކޮށްފައިވާ ކެންޑިޑޭޓުންގެ ތަފްޞީލް ހާމަކުރަށްވާފައެވެ.

އެގޮތުން ކައުންސިލް އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުން ވާދަކުރާއިރު، އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރެއެވެ. ޖުމްލަ 1611 ފަރާތަކަށް ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ހައްޤު ލިބިފައިވާކަމުގެ ލިޔުން ދީފައެވެ.

ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު، ޕީއެންސީން އެކަނިވެސް 665 ކެންޑިޑޭޓުން ވާދަކުރެއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން 495 ކެންޑިޑޭޓުން ވާދަކުރާއިރު، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން 31 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 8 ކެންޑިޑޭޓުން، ދަ ޑިމޮކްރެޓްސް އިން 8 ކެންޑިޑޭޓުން އަދި ޢަދާލަތު ޕާޓީން 3 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއެވެ.

އޭގެއިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން 1611 ފޯމު ހުށަހެޅި ނަމަވެސް، އީސީން ގަބޫލުކޮށްފައިވަނީ 1383 ކެންޑިޑެސީއެވެ. މީގެ ތެރޭގައި 5 ސިޔާސީ ޕާޓީއަކުން ވާދަކުރާ 1116 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރާ 267 ކެންޑިޑޭޓުން ހިމެނެއެވެ.

މި އިންތިޚާބުގައިވެސް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ޕީއެންސީންނެވެ. އެ ޕާޓީން 658 ކެންޑިޑޭޓުން ވާދަކުރެއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން 417 ކެންޑިޑޭޓުން ވާދަކުރާއިރު، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް އިން 28 ކެންޑިޑޭޓުން، ޢަދާލަތު ޕާޓީން 6 ކެންޑިޑޭޓުން އަދި ޖުމްހޫރީ ޕާޓީން 7 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއެވެ.

އީސީގެ ނާއިބުރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވިދާޅުވީ، ބައެއް ރަށްތަކުގެ ކައުންސިލްތަކަށް ބޭނުންވާ އަދަދަށް އެކަނި މީހުން ކުރިމަތިލާފައިވާތީ، ބައެއް ގޮނޑިތައް މިހާރުވެސް ކަށަވަރުވެފައިވާ ކަމަށެވެ. އަދި ކެންޑިޑޭޓުންގެ މެދުގައި ނަންބަރު ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން އަންނަ ހަފްތާގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އޮންނާނީ ގުރުއަތުލުމުގެ ކުރިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު