ސައުދީން ލިބޭ ބޮޑެތި މުސާރައަށްވުރެ އޭސީ މިލާންގައި ހުރެގެން ޗެމްޕިއަންސް ލީގުގައި ވާދަކުރުން އޭނާއަށް މާ ރަނގަޅު ކަމުގައި ޕޯޗުގަލްގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ރަފައިލް ލެއާއޯ ބުނެފިއެވެ.

ޖީކިއު މެގަޒިނަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ލެއާއޯ ބުނީ މިވަގުތު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާއި ހަމައަށް އޭސީ މިލާނަށް ދަތުރުކުރެވިދާނެ ކަމަށެވެ. އެހެންވީމާ، ޓީމުން މިވަގުތު ދަތުރުކުރަމުންދަނީ ރަނގަޅު މިސްރާބަށް ކަމުގައި އޭނާ ބުންޏެވެ.

"އަދިވެސް ހިތްވަރާއިއެކު އިތުރަށް ކުރިއަށް ދާންވީ. އަހަރެންނަށް ޔަގީން މިލާން އެނބުރި ޗެމްޕިއަންސް ލީގަށް ދާނެކަން. ޗެމްޕިއަންސް ލީގަށް ކުޅުމަކީ ކޮންމެ ކުޅުންތެރިއެއްގެވެސް ހުވަފެނެއް ހެން އަހަރެންނަށް ހީވަނީ." ލެއާއޯ ބުންޏެވެ.

ލެއާއޯ ބުނީ ކުރިއަށް އޮތް 3 އަހަރުގައިވެސް އޭނާ މިލާނަށް ކުޅޭތަން ދެކެން ބޭނުންވާ ކަމަށެވެ.

"މިހާރަކަށްއައިސް ފައިސާއަށް (ކުޅުންތެރިން) ވިކޭ. އެކަމަކު މިސާލަކަށް ބުނަންޏާ، 10 މިލިއަން ޔޫރޯގެ މުސާރައަކަށްވުރެ އަހަރެންނަށް ޗެމްޕިއަންސް ލީގު މާ އަގުހުރި." ލެއާއޯ ބުނެފަވެއެވެ.

މިވަގުތު މިލާނުގައި ތިބީ ވަރަށް ޒުވާން ކުޅުންތެރިން ކަމަށް ފާހަގަކުރަމުން ލިއާއޯ ބުނީ އެ ޓީމްގައި ޒުވާން ކުޅުންތެރިން ތިއްބަސް، އެމީހުންނަކީ ތަޖުރިބާ ނެތް ބަޔެކޭ ނުބުނެވޭނެ ކަމަށެވެ. އޭނާ ބުނީ ޓީމްގައި ތިބި ހުރިހާ ކުޅުންތެރިންނަކީ އިޓަލީ ލީގްގައި 50 ވަރަކަށް މެޗް ކުޅުމުގެ އިތުރަށް ޗެމްޕިއަންސް ލީގްގައިވެސް 20 ވަރަކަށް މެޗް ކުޅުމުގެ ތަޖުރިބާ ހުރި ބަޔެއް ކަމަށެވެ.

ނިމިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގް ސެމީ ފައިނަލަށް ވާދަކުރި މެޗްގައި މިލާން ވަނީ އިންޓަ އަތުން ބަލިވެފައެވެ. މިހާރު އިޓަލީ ލީގުގެ ތާވަލުގެ އެއްވަނައިގައި އިންޓަ އޮތްއިރު ދެވަނައިގައި އޮތީ އޭސީ މިލާނެެވެ. އެއީވެސް 3 ޕޮއިންޓުގެ ތަފާތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން