ދަރިފުޅު ސްމާޓް ޑިވައިޒްތަކާއި ދުރުކުރުމަށް ހަމައެކަނި ފޯނު ބާއްވާށޭ ނުބުނާށެވެ.
ދަރިފުޅު ސްމާޓް ޑިވައިޒްތަކާއި ދުރުކުރުމަށް ހަމައެކަނި ފޯނު ބާއްވާށޭ ނުބުނާށެވެ.
ސްމާޓް ފޯނާއި ޓެބްލެޓްގެ ވާހަކައަކީ ބެލެނިވެރިންގެ ތެރޭގައި މިހާރު އާމައުލޫއަކަށް ނުވާނެއެވެ. އަދި ސްމާޓް ގެޖެޓްތައް ދަރިފުޅަށް ނުދީ ގެންގުޅުމަކީ މިޒަމާނުގައި އެހައި ފަސޭހަ ކަމެއްވެސް ނޫނެވެ. އެހެންކަމުން ދަރިފުޅު ފޫހިނުވެ ހުރުމަށްޓަކައި ސްމާޓްފޯނު ނޫންގޮތެއް ހޯދަން އެބަޖެހެއެވެ. ބައެއްފަހަރު ސްމާޓް ފޯނާއި ޓެބްލެޓް ބާއްވާށޭ ބުނުމުން ދަރިފުޅު ބޮޑާހާކައި ރުޅި އިސްކުރެއެވެ. ގިނަފަހަރު ދަރިފުޅު ގާތުގައި އެކަން ނުކުރުމަށް ބުނެފައި އެކުއްޖާ ހިތްހަމަޖެހޭ އެހެންކަމެއް ނެތުމުން މިގޮތަށް ރުޅިހަދާލައެވެ. އެހެންކަމުން ސްމާޓްފޯނާއި ޓެބްލެޓް ދުރުކޮށްލައި، ޑިވައިސްތަކުން ދަރިފުޅަށް ބްރޭކެއް ދިނުމުގެ ގޮތުން، އެކުދިން ލައްވައި ކުރުވާނެ ކަންކަން ދެނެގަންނަންޖެހެއެވެ.

ތިރީގައި މިވަނީ ސްމާޓް ޑިވައިސްތަކުގެ ބަދަލުގައި ދަރިންނާއިއެކު ކުރެވިދާނެ ބައެއް ކަންކަމެވެ.

1. ބޭރަށް ގެންދިއުން

ދަރިފުޅު ބޭރަށް ގެންގޮސް ކޮންމެވެސް މަޖާކަމެއް ކޮށްލާށެވެ. ބައިސްކަލު ދުއްވުމާއި ބެޑްމިންގޓަން ކުޅުމާއި ސައިކަލް ދުއްވާލަން ދިއުން ފަދަ ކުދިން ހިތްހަމަޖެހޭ ކޮންމެވެސް ކަމެއް ކުރުމުން އެކުދިންނަށް ގެޖެޓުތަކުން ބްރޭކެއް ލިބިދާނެއެވެ. އަދި މައިންބަފައިންނާއި ދަރިފުޅާއި ދެމެދު އޮންނަންޖެހޭ ގާތް ގުޅުން އާލާވެ ކުދިންގެ މެދުގައި އެކުދިންގެ މައިންބަފައިންނަކީ މަޤުބޫލުބައެއް ކަމުގައިވާނެއެވެ.

2. އާޓް އެންޑް ކްރާފްޓް

ބައެއް ކުދިންނަކީ ވަރަށް ކުޅަދާނަ އަދި އެކިއެކި އުފެއްދުންތައް ތައްޔާރުކޮށްލުމުގެ ވިސްނުންތިބޭ ބައެކެވެ. އެހެންކަމުން ގޭގައި ވިޔަސް ނުވަތަ އާޓް އެންޑް ކްރާފްޓް ވޯކްޝޮޕެއްގައިވިޔަސް ދަރިފުޅު ލައްވައި މިފަދަ ކަންކަން ކުރުވައި އެކަންކަމަށް ތަރުހީބުދޭށެވެ. އޭރުން ފޯނަށް އޮންނަ ޝައުޤުވެރިކަން ކޮންމެވެސް ވަރަކަށް ކުޑަވެ އަދި ހުނަރު ތަރައްޤީ ކުރުމުގައި ގިނަ ވަގުތު ހޭދަކުރާނެއެވެ.

3. ފޮތް ކިޔުން

ގޭގައި ހުރިހާ އެންމެން ފޮތްކިޔާ ވަގުތުކޮޅެއް ކަނޑައަޅާށެވެ. އަދި މިކަން އެކުދިން ގަޔާވާނެހެން ރާވާލާށެވެ. މިސާލަކަށް އެންމެން ކިޔުނު ފޮތެއްގެ ވާހަކަ މުޅި އާއިލާއަށް ކިޔައިދިނުމާއި އޭގައި ހުންނަ ކެރެކްޓަރ އުޅުނު ގޮތާއި ބެހޭގޮތުން ވާހަކަ ދެކެވިދާނެއެވެ. މިއީ ސްމާޓް ޑިވައިސްތަކާއި ދުރުވެލުމުގެ އިތުރުން، ދަރިފުޅުގެ ސިކުނޑި ތަނަވަސްވެ ވިސްނުން ތަރައްޤީކޮށްދޭނެ ހަރަކާތަކަށް ވާނެއެވެ.

4. ކެއްކުމާއި ކޭކުއެޅުން

ބަދިގެތެރޭގައި ކޮންމެވެސް ކާއެއްޗެއް ކުދިންނާއިއެކު ތައްޔާރުކޮށްލައި އެކުދިން ލައްވައި މަސައްކަތް ކުރުވުމަކީ އެކުދިން ދިރިއުޅުމަށް ތައްޔާރުކޮށްދޭނެ ކަމެކެވެ. އަދި މީގެ އިތުރުން މިއީ އާއިލާއާއިއެކު އެކުދިންނަށް ހޭދަކުރުމަށް ލިބޭ އުފާވެރި ވަގުތުކޮޅަކަށްވެސް ވެގެންދާނެއެވެ. އެހެންކަމުން ކޭކު އެޅުމާއި އެކިކަހަލަ ސެލެޑްތައް ހަދަން ދަސްކޮށްދިނުން ފަދަ ކަންކަން ގޭގައި އެންމެންވެގެން ރާވާލެވިދާނެއެވެ.

5. ބޯޑު ގޭމާއި ޕަޒުލްތައް

ދަރިފުޅާއިއެކު ޕަޒުލް ރޭވުމާއި މޮނޮޕޮލީ އާއި ޗެސްއާއި ކެރަމްފަދަ ކުޅިވަރުތައް ކުޅުމަކީ ދަރިފުޅު ހިތްހަމަޖެހޭނެ ކަމެކެވެ. އަދި ސްމާޓް ޑިވައިސްތަކުން ދަރިފުޅު ދުރުކޮށްދީ، ސްމާޓް ފޯނުން ނޫނަސް މަޖާކުރެވިދާނެކަން ގޭގައި މިފަދަ ކުޅިވަރުތައް ކުޅުމުން، ދަރިފުޅުމެންނަށް ދަސްވެގެންދާނެއެވެ. އަދި މިއީ އާއިލާގެ ގުޅުން ބަދަހިކޮށްދޭ އުފާވެރިކަން ގެނުވައިދޭ އެކުދިން ބޮޑުވުމުންވެސް ހަނދާންކުރާނެ ވަގުތުތަކަކަށް ވެގެންދާނެއެވެ.

ވީމާ، ދަރިފުޅު ސްމާޓް ޑިވައިޒްތަކާއި ދުރުކުރުމަށް ހަމައެކަނި ފޯނު ބާއްވާށޭ ނުބުނާށެވެ. އޭގެ ބަދަލުގައި ދަރިފުޅަށް ނަމޫނާ ދައްކައި، ސްމާޓް ފޯނުގެ ބަދަލުގައި އެހެން ކަމެއް ކުރެވިދާނެކަން ދައްކުވައިދޭށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން