އިންޑިއާގެ ކުންފުންޏަކުން އުފެއްދި ކޮފް ސިރަޕެއް (ކެއްސާތީދޭ ދިޔާ ބޭހެއް) ތަޣައްޔަރުވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއު.އެޗް.އޯއިން ބުނެފައިވާތީ، އެކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިވެއެވެ.

އިންޑިއާ ސަރުކާރުން ބުނި ގޮތުގައި އިންޑިއާގައި އުފައްދާފައިވާ ކޮފް ސިރަޕުން ތަޣައްޔަރުކަން މިފަހަރު ފެނިފައިވަނީ މާޝަލް އައިލޭންޑްސްއާއި މައިކޮރޮނޭޝިއާގައި މިދިޔަ އޭޕްރީލްމަހު ވިއްކާފައިވާ ބޭސް ފުޅިތަކަކުންނެވެ.



އިންޑިއާގައި އުފައްދާފައިވާ ކޮފް ސިރަޕެއް ބޭނުންކުރުމުގެ ސަބަބުން މިދިޔަ އަހަރު ގެމްބިއާއާއި އުޒްބެކިސްތާނުގައި 89 ކުއްޖަކު މަރުވެފައިވެއެވެ. މިކަމާއި ގުޅިގެން އިންޑިއާގެ ނަން ވަރަށް ބޮޑަށް ކިލަނބުވިއެވެ. މީގެ ކުރިން އިންޑިއާ މަޝްހޫރުވެފައިވަނީ އަތްފޯރާ އަގެއްގައި މުޅިދުނިޔެއަށް ބޭސްފޯރުކޮށްދޭ ބޭސްފިހާރައިގެ ގޮތުގައިއެވެ.

ޑަބްލިއު.އެޗް.އޯއިން ބުނި ގޮތުގައި ގްލައިކޮލް ކެމިކަލްގެ ދެބާވަތެއް މާގިނައިން މި ސިރަޕުގައި ބޭނުންކޮށްފައިވެއެވެ. މިއީ ވިހަ މާއްދާއެއް ކަމަށާއި އަދި ފުރާނަޔަށް ނުރައްކާކުރާ މާއްދާއެއްކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

މިފަހަރު މިފެނުނު ތަޣައްޔަރުވެފައިވާ ކޮފް ސިރަޕް އުފެއްދީ އިންޑިއާގެ ޕަންޖާބު ސްޓޭޓުގައި މަރުކަޒުވެފައިވާ ކިއު.ޕީ ފާމަކެމް ލިމިޓެޑުންކަމަށް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ. މިކުންފުނިން ބުނެފައިވާ ގޮތުގައި ކޮފް ސިރަޕް ތަޣައްޔަރުވުމުގައި މިކުންފުނީގެ އިހުމާލެއް ނޯންނާއެވެ. އެހެންވެ، ވަގުތީ ގޮތުން ހިފަހައްޓާފައިވާ، ބޭސް އުފެއްދުމުގެ ހުއްދަ އަނބުރާ ހޯދުމަށް މިކަން އިސްތިއުނާފުކުރާނެކަމަށް އެކުންފުނިން ބުނެފައިވާކަމަށް ރޮއިޓާސް ނޫހުން ބުނެއެވެ.

މިދިޔަ އަހަރު ފެންމަތިވި ކޮފް ސިރަޕުގެ މައްސަލައާއި ގުޅިގެން ދެކުންފުންޏެއްގެ ހުއްދަ އިންޑިއާ ސަރުކާރުން ހިފަހައްޓާފައިވެއެވެ. އެދެކުންފުންޏަކީ މައިޑެން ފާމަސޫޓިކަލްސްއާއި މޭރިއަން ބަޔޯޓެކް ޕްރައިވެޓް ލިމިޓެޑްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން