ކައިވެނި ކުރަނީ އުމުރުދުވަހު އެކުގައި އުޅުމުގެ އުއްމީދުގައެވެ. އެހެންނަމަވެސް، ކައިވެނީގައި މައްސަލަތައް ޖެހުމުން އެމައްސަލަތައް ހައްލުކޮށް ދިރިއުޅުން ކުރިއަށް ގެންދެވެނީ މަދު ބަޔަކަށެވެ. ބައެއް މީހުންނަށް މިހެން ދިމާވަނީ މައްސަލަތައް ހައްލުކުރަން ނޭނގޭތީއެވެ. މައްސަލަތައް ޖެހުމުން އަވަސް އަދި ފަސޭހަގޮތް ޚިޔާރުކޮށްލާ އުނދަގޫ ހާލަތުން ދުރުވުމަށް ބޭނުންވާތީއެވެ.

އެހެންނަމަވެސް އެއްވެސް ކައިވެންޏެއްގައި މައްސަލަ ނުޖެހި ކުރިއަށް ނުދާނެކަން ދަނެ ކަންކަން ހައްލުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި އާދަތަކެއް ހިފަންވާނެއެވެ. ތިރީގައިމިވަނީ ނަފްސާނީ އިލްމުވެރިން އެއްބަސްވެލައްވާ، ކައިވެނި ދެމެހެއްޓުމަށް ދެމަފިރިންގެ ކިބައިގައި ހުންނަންޖެހޭ އާދަތަކުގެ ތެރެއިން މުހިންމު 4 އާދައެވެ.

ޝަކުވާ ކުރިޔަސް އަނެކާ ކުއްވެރިކުރުމުގެ ނިޔަތްދޫކޮށްލުން

ކަންކަން ދިމާވެ ގޯސްވުމުން ޝަކުވާ ކުރުމަކީ މައްސަލައެއް ނޫނެވެ. މާގިނައިން އެއްކަމެއް ތަކުރާރުވުމުން ޝަކުވާ ކުރެވިދާނެއެވެ. އެހެންނަމަވެސް އަނެކާ 'ކްރިޓިސައިޒް' ކޮށް ނުވަތަ ދެރަކޮށްލާ އަބަދުވެސް އެހެންނޭ އަބަދުވެސް މިހެންނޭ ބުނެ އެއްޗެތިގޮވުމަކީ ނުރައްކާތެރި ކަމެކެވެ. އެއީ އަނެކާގެ ޝަޚްސިއްޔަތަށް ހަމަލާދިނުންފަދަ ކަމެކެވެ. އޭނާގެ ޕާސަނަލިޓީ މުޅިން ގޯސްކޮށްލައި އެފަދައިން އެއްޗެތި ގޮވުމުން ހައްލުކުރަން ބޭނުންވާ މައްސަލަ އެއްކައިރިކޮށްލައި އޭނާވެސް ބޭނުންވާނީ ތިބާއާއި ޒުވާބު ކުރާށެވެ. މިގޮތް ތަކުރާރުވާނަމަ ދެމީހުންނަށް އެކުގައި އުޅެން ނޭނގި އެކަކު އަނެކެއް މަތިން ފޫހިވާންފަށާނެއެވެ.

އެކަކު އަނެކަކު ދަށްކޮށްނުލުން

މައްސަލަތައް ހައްލުކުރުމަށް ދެމީހުން ރީތިގޮތުގައި ވާހަކަ ދެއްކުމުގެ އާދަ ހަރުލައްވަންވާނެއެވެ. ކަމަކާއިމެދު ދެމީހުން ދެކޭގޮތް ތަފާތުވުމުން އޭނާގެ ތަޢުލީމާއި ރަށާއި މިހެންގޮސް އޭނާ ދަށްކޮށްލުމަށް ކޮންމެފަދަ އެއްޗެއް ބުނުމަށްވެސް ބައެއް މީހުން ފަސްނުޖެހެއެވެ. އެހެންނަމަވެސް، އެކަކު އަނެކަކު ދައްކޮށްލައި ވާހަކަ ދައްކައި އަނެކާ ދައްކާ ވާހަކައަށް އިހްތިރާމް ނުކޮށް އަދި ވާހަކަ އަޑުނޭހުންފަދަ ކަންކަމަކީ ދެމީހުންގެ ތެރޭގައި އިހްތިރާމް ގެއްލޭ ކަންކަމެވެ. އަދި ހަމަޖެހޭ ދިރިއުޅުމަކަށް އެންމެ މުހިންމީ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމެވެ.

އޯގާތެރިވުން

ރަނގަޅު ޒަވާޖީ ހަޔާތެއް ބޭނުންނަމަ އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ލޯބިވުމަކީ ހަމައެކަނި ބުނެލާ ބަހެއް ނޫނެވެ. ބައިވެރިޔާއަށް އެލޯބި އިހުސާސްކޮށްދެވޭނީ އޯގާތެރިވެގެންނެވެ. ބަލިވީމައި އަޅާލުންދީގެންނެވެ. ގޭތެރޭގައި ދެމީހުންވެސް އެކަކު އަނެކަކަށް އެހީތެރިވެގެންނެވެ. ދިރިއުޅުމުގައި މިއާދަތައް ހަރުލައްވައިފިނަމަ، ލޯބިއިތުރުވެ ދެމީހުންގެ މެދުގައި އިހުތިރާމް އާލާވެ ދިރިއުޅުން ކާމިޔާބު ކުރަން ފަސޭހަވާނެއެވެ.

'އިގްނޯ' ނުކުރުން

ކަމެއް ގޯސްވުމުން އެކަމަކައި ބެހޭގޮތުން ވާހަކަވެސް ނުދައްކައި އަނެކާއަށް ވީގޮތެއް އަންގާނުލައި އަޅާނުލައި 'އިގްނޯ' ކޮށްގެން ނުހުންނާށެވެ. ވަކިން ޚާއްސަކޮށް ސުވާލުކުރުމުން ޖަވާބުނުދީ މުޅިދުވަހު ބައިވެރިޔާ ބާކީކޮށްލައި ނޫޅޭށެވެ. އެހެން ހެދުމުން ތިބާއަށް އޭނާ މުހިންމު ނޫންކަމަށް ދެކެވެން ފަށައިފާނެއެވެ. ކަންކަން ހައްލު ކުރުމަށް ދެމީހުންވެސް އެކަކު އަނެކަކުގެ ވާހަކަތައް އަޑުއަހައި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުޞަތު ދޭންވާނެއެވެ.

ދުނިޔަވީ ހަޔާތަކީ ގިނަ ކަންތައްތަކެއް ތަހައްމަލު ކުރަންޖެހޭ ދަތި އުނދަގޫ ދަތުރެކެވެ. ކެތްތެރިކަން އިސްކޮށް އެކަކު އަނެކަކަށް މާފްދީ އެކުގައި ދިރިއުޅެވޭތޯ މަސައްކަތް ކުރުމަކީ ދިރިއުޅުން ބާއްޖަވެރިވުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމެވެ. އަދި ކެތްތެރިކަން އިސްކުރުމާއި ﷲއަށް ކުއްތަންވެ އެކަލާނގެ އެންގެވި މަގުން ކުރިއަށްދާނަމަ ޒަވާޖީ ހަޔާތުގައި ޖެހޭ ކުދިކުދި މައްސަލަތައް ފަސޭހައިން ހައްލު ކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން