މަސްތުފިލާފައިވޭތޯ ބެލުމަށް ފުލުހުން ހަދާ "ނޭވާ ޓެސްޓުން" ނިއުޒިލޭންޑުގެ ވަޒީރުލް ޢަދްލު، ޖަސްޓިސް މިނިސްޓަރ، ފެއިލްވެވަޑައިގަތުމުން، އެމަގާމުން އޭނާ އިސްތިޢުފާދެއްވައިފިއެވެ.



ފުލުހުން، ޢަދުލުގެ ވަޒީރު ހުއްޓުވީ ކާރު އެކްސިޑެންޓަކާއި ގުޅިގެންނެވެ. މިހާރު ފުލުހުން ވަނީ އުމުރުފުޅުން 39 އަހަރުގެ ކިރީ އެލާންއާއި ދެކޮޅަށް ދަޢުވާވެސް ކޮށްފައެވެ. ކިރީއާއި ދެކޮޅަށް ފުލުހުން ކޮށްފައިވާ ދަޢުވާ ބިނާވެފައިވަނީ ފަރުވާކުޑަކޮށް ދުއްވުމާއި ހައްޔަރުކުރުމަށް ފުލުހުން ކުރި މަސައްކަތަށް ހުރަސްއެޅުމާއި މިދެކުށުގެ މައްޗަށެވެ.

މިދިޔަ މާރޗް މަހުން ފެށިގެން މިހާތަނަށް މިއީ ނިއުޒިލޭންޑުގެ ކްރިސް ހިޕްކިންސްގެ ސަރުކާރުން އިސްތިޢުފާދެއްވި ހަތަރުވަނަ ވަޒީރުކަމަށް ބީބީސީ ނޫހުން ބުނެއެވެ. ނިއުޒިލޭންޑުގެ ޢާންމު އިންތިޚާބު އޮންނާނީ އަންނަ އޮކްޓޯބަރ މަހުގައެވެ.

ނިއުޒިލޭންޑުގެ ވެރިރަށް ވެލިންޓަންގައި މިދިޔަ އާދީއްތަ ދުވަހު ހިނގި މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައިނުވާކަމަށް ބީބީސީ ނޫހުން ބުނެއެވެ.

މިކަމާއި ގުޅިގެން ދެއްވި ބަޔާނެއްގައި ނިއުޒިލޭންޑުގެ ބޮޑުވަޒީރު ހިޕްކިންސް ވިދާޅުވީ ގަދަ ޖަޛްބާތީ ތަކުލީފެއްގައި ކިރީ އުޅުއްވާތާ ދުވަސްކޮޅެއްވެއްޖެ ކަމަށެވެ. އެކަމަނާގެ "ޙަޔާތުގެ ބައިވެރިޔާ" އެކަމަނާޔާއި ވަކިވެވަޑައިގެން ފަހުން ލިބިވަޑައިގެންނެވި ހިތާމަފުޅެއްގައި ކިރީ އުޅުއްވިކަމުގައިވިޔަސް އެކަމަނާގެ މަޖިލިސް ގޮނޑި މިވަގުތައް ދޫނުކުރަށްވާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން