މޫސާ ޢަލީ (ހާސާ)   25 ޖުލައި 2023 - 13:47
އިންޑޮނީޝިއާގެ ސުލަވޭސީ ރަށުގެ ބޭރުން އިއްޔެ ފެރީއެއް ފެތި މަދުވެގެން 15 މީހުން މަރުވެފައިވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މެންދަމުގެ ވަގުތެއްގައި މިފެރީ ފެތުނު އިރު ފެރީގައި 40 ފަސިންޖަރުން ތިއްބެވެ. މިޙާދިޘާގައި ގެއްލުނު ނަވާރަ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އިންޑޮނީޝިއާ ސަރުކާރުން ބުނެއެވެ. މިޙާދިޘާގައި ގެއްލުނު މީހުންގެ ތެރެއިން ހޯދާ، ސަލާމަތްކުރެވުނު ހަމީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ފެތުނު ފެރީގައި ދަތުރުކުރި ފަސިންޖަރުންގެ އަދަދަކީ ސާޅީސްކަމަށް ސަރުކާރުން ބުނިކަމުގައިވިޔަސް، މިފެރީގައި ޙަގީގަތުގައި ދަތުރުކުރި މީހުންގެ އަދަދު ކަށަވަރުނުކުރެވޭކަމަށް ޚަބަރުތައް ބުނެއެވެ. މެނިފެސްޓުގައި އޮންނަ އަދަދާއި ފެރީއަށް އަރާ، ދަތުރުކުރާ އަސްލު އަދަދާއި ދިމާނުވުމަކީ އިންޑޮނީޝިއާގައި އާންމު ކަމެއްކަމަށްވެއެވެ.

" މީހުން ހޯދާ ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ ދެޓީމަކަށް ބަހާލައިގެން. ފުރަތަމަ ޓީމުން ދަނީ ފެރީ އަޑިއަށް ދިޔަ ދިމާޔަށް ޑައިވަރުން ފޮނުވައިގެން ބަލަމުން"، ސުލަވެސީ ސަރުކާރުގެ ތަރުޖަމާނު މުޙައްމަދް ޢަރަފާ ވިދާޅުވިއެވެ.



އޭނާ ވިދާޅުވި ގޮތުގައި ދެވަނަ ޓީމުންދަނީ ރަބަރު ބޯޓަކާއި ދިގުބޯޓެއްގެ އެހީގައި ފެރީ ފެތުނު ދިމާލުގެ ދެފެންދޭތެރެއިން ދާއަޅަމުންނެވެ.

ސަތާރަ ހާސް ރަށުގެ މައްޗަށް އެކުލެވިފައިވާ އިރުމަތީ އޭޝިއާގައި އޮންނަ އިންޑޮނީޝިއާގައި ފެރީ ފެތުންފަދަ ޙާދިޘާތަކަކީ ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން