އޭސީސީން ކަންތައްތައް ކުރާނީ އެ އޮންނަ ގާނޫނީ އިމުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕޭން ދަތުރުގައި ހއ. ކެލާ ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސް ޞާލިޙް ވިދާޅުވީ ފާއިތުވީ ފަސްއަހަރު އަމާން މުޖުތަމައުއެއް ގާއިމުކުރުމަށާއި ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިފަސް އަހަރަކީ މިނިވަން މުއައްސަސާތަކަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވުނު ފަސް އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު މިނިވަން މުއައްސަސާތަކުން މަސައްކަތް ކުރަމުންދަނީ ގާނޫނީ އިމުގެތެރެއިން ނުފޫޒެއްނެތި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ވަކި މައްސަލައެއްގައި މުއައްސަސާތަކުގައި ވަކިގޮތަކަށް ޢަމަލުކޮށްދިނުމަށް ދެންނެވުމަށް ބައެއް ފަރާތްތަކުން އެދޭ ކަމަށާއި ނަމަވެސް އެއީ އެމަނިކުފާނު ކުރަށްވާނެ ކަމެއް ނޫންކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

“އޭސީސީގައި އޮންނަ މައްސަލައެއް ނިންމަން ކިހިނެއްތޯ ގުޅާފައި މިވެނި މައްސަލައެއް މިހެން ނިންމާށޭ ބުނާނީ. އެއީ ކުރެވޭނެ ކަމެއް ނޫން. އޭސީސީން ކަންތައްތައް ކުރާނީ އެ އޮންނަ ގާނޫނީ އިމުގެ ތެރެއިން.” ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ޝަރުއީ ދާއިރާ ވެސް އޮތީ އެގޮތަށް ކަމަށާއި އޮޑިޓާ ޖެނެރަލް އާއި އޭސީސީ އާއި ސިވިލް ސަރވިސް ކޮމިޝަނުން ވެސް ކަންކަން ކުރަމުންދަނީ ގާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ތެރެއިން ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވިސްނުމެއް ނެތި ވޯޓު ދީފިނަމަ، ކުރިން ދިވެހިން ދެކެފައިވާ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް ވެއްޓިގެން ހިނގައި ދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު