ދިހަ މިލިއަން ހެކްޓަރަށްވުރެ (އެއްލައްކަ އަކަކިލޯމީޓަރަށްވުރެ) ބޮޑު ސަރަހައްދެއް ކެނަޑާގެ ޖަންގަލިން، ހަމައެކަނި މިއަހަރު، ރޯވެ، އަނދާފައިވާކަމަށް ތަފާސްހިސާބުތައް ބުނެފިއެވެ.

މީގެ ކުރިން، އަހަރުދުވަހެއްގެ ތެރޭގައި، މިހާ ބޮޑަށް ކެނަޑާގެ ޖަންގަލީގައި ރޯވެ، އަނދާފައިވަނީ 1989 ވަނަ އަހަރުއެވެ. އެއަހަރު ޖަންގަލިން 7.3 މިލިއަން ހެކްޓަރު އަނދާފައިވެއެވެ.

ކެނަޑާގެ އިންޓަރއެޖެންސީ ފޮރެސްޓް ފަޔަރ ސެންޓަރުން އިއްޔެ ނެރުނު ތަފާސްހިސާބުތައް ބުނާ ގޮތުގައި މިއަހަރުގެ މިހާތަނަށް، ކެނަޑާގެ ޖަންގަލިތަކުގައި 4،088 ދިމާޔެއްގައި ރޯވެފައިވެއެވެ. މިކަމުގެ ސަބަބުން 150،000 މީހުންގެ ގެދޮރު ގެއްލި، އެހެން ސަރަހައްދުތަކަށް އެމީހުން ބަދަލުވާންޖެހުނުކަމަށްވެސް އެސެންޓަރުން ބުނެއެވެ.

ޖަންގަލީގައި ރޯވި ރޯވުންތަކުގެ ތެރެއިން ގިނަ ރޯވުންތަކުގެ ބޮޑުކަމުން، ނިއްވުމަށް ކަމެއް ކުރެވޭނެ ގޮތެއް ނެތުމުން، މިއަލިފާންގަނޑުތައް އޭގެ ޒާތުގައި ނިވެން ދޫކޮށްލެވިފައިވާކަމަށް ކެނަޑާ ސަރުކާރުން ބުނެއެވެ.

ޖަންގަލީގެ ރޯވުންތަކުގެ ގިނަ ރޯވުންތައް ރޯވެ، އަނދާފައިވަނީ އިންސާނުން ދިރިއުޅޭ ސަރަހައްދުތަކާއި ދުރުގައިއެވެ.

އިއްޔެއާއި ހަމަޔަށް 906 ގަނޑު އަލިފާން ކެނަޑާގެ ޖަންގަލިތަކުގައި އަނދަމުން ދިޔައެވެ. މީގެ ތެރެއިން 570 ގަނޑު އަލިފާނަކީ އިންސާނީ ބާރު އޭގެ މައްޗަށް އެއްގޮތަކަށްވެސް ނެތް އަލިފާންގަނޑުތަކެއްކަމަށް ކެނަޑާ ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން