ޑޮލަރުގެ ބަދަލުގައި އިންޑިއާ ރުޕީސް ބޭނުންކޮށްގެން ވިޔަފާރީގެ މުޢާމަލާތުތައް ކުރުމަށް އެކުވެރި ޢަރަބި އިމާރާތާއި (ޔޫ.އޭ.އީ) އިންޑިއާއިން އެއްބަސްވެއްޖެއެވެ. މިކަމުގެ ސަބަބުން ވިޔަފާރީގައި ޑޮލަރު ބޭނުންކުރުމުން ހިނގާ މުޢާމަލާތީ ޚަރަދުތައް ކުޑަވެގެންދާނެއެވެ.

އެއްގައުމުން އަނެއް ގައުމަށް ފޮނުވާ ފައިސާ ވަގުތުން ވަގުތަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އިންޑިއާއި ޢަރަބި އިމާރާތުން އިއްޔެ ވަނީ އެއްބަސްވެފައިއެވެ. މިއެއްބަސްވުންތަކުގައި ދެގައުމުން ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އިއްޔެ އިމާރާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިއެވެ.

އިންޑިއާއާއި އިމާރާތާއި ދެމެދު އިއްޔެ ސޮއިކުރެވުނު ދެއެއްބަސްވުމުގެ ސަބަބުން، ދެގައުމުގެ ދެމެދުގައި ވަރަށް އޮމާންކޮށް، ހިމުންކޮށް، ވިޔަފާރިއާއި ފައިސާގެ މުޢާމަލާތުތައް ކުރެވިގެންދާނެކަމަށް އިންޑިއާގެ މަރުކަޒީ ބޭންކުން (ރިޒާރވް ބޭންކް އޮފް އިންޑިއާއިން) ބުނެއެވެ. "އޮމާންކޮށް، ހިމުންކޮށް ވިޔަފާރިއާއި ފައިސާގެ މުޢާމަލާތުތައް ކުރެވޭ ގޮތަށް ހަމަޖެހިފައިވުމުން، އިގްތިޞާދީ ދާއިރާތަކުގައި އެއްބާރުލުން، އިހަށްވުރެ، މާބޮޑަށް އިތުރުވެގެންދާނެ"، އިއްޔެ އިންޑިއާގެ ރިޒާވް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މުޅި ޢާލަމުގައި، ތިން ވަނަޔަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް، އަދި ބޭނުންކުރާ ގައުމަކީ އިންޑިއާއެވެ.

ބައިނަލްއަގްވާމީ ވިޔަފާރީގެ މުޢާމަލާތުތައް އިންޑިއާ ރުޕީސް ބޭނުންކޮށްގެން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އިންޑިއާއިން ފެށިކަން، އެގައުމުގެ މަރުކަޒީ ބޭންކުން އިޢުލާނުކުރީ މިދިޔަ އަހަރުއެވެ.

މިހާތަނަށް، އިންޑިއާއާއި އިމާރާތާއި ދެމެދު، ފައިސާއާއި ވިޔަފާރީގެ މުޢާމަލާތުތައް ކުރެވެމުން ގޮސްފައިވަނީ އެމެރިކާ ޑޮލަރުންނެވެ. މިދިޔަ އަހަރު އެޕްރީލް މަހުން މިއަހަރުގެ މާރޗް މަހަށް މިދެގައުމުގެ ދެމެދުގައި 84.5 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން