ހަނދަށް ފޮނުވާ ޖައްވީ އުޅަނދެއް، ރޮކެޓެއްގައި ހަރުކޮށްފައި އިންޑިއާއިން އުދުއްސާލައިފިއެވެ. ފަޒާއާބެހޭ އިންޑިއާގެ އިދާރާ އިސްރޯއިން ބުނާ ގޮތުގައި އިއްޔެ އުދުއްސާލެވުނު މިއުޅަނދު ތިރިކުރާނީ ހަނދުގެ ދެކުނުފަރާތަށެވެ.

އިސްރޯއިން ބުނާ ގޮތުގައި މިއުޅަނދު ހަނދަށް ފޯރާނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ. މިއުޅަނދަށް ދީފައިވާ ނަމަކީ ޗަންދްރަޔާން-3 އެވެ.

އިންޑިއާއިން މިފޮނުވާލި އުޅަނދު، ކާމިޔާބުކަމާއިއެކު ހަނދުގެ ދެކުނު ފަރާތަށް ތިރިކުރެވިއްޖެނަމަ، ފަޒާގެ ބާރެއްގެ ގޮތުގައި އިންޑިއާ ވެގެންދާނެކަމަށް ނޫސްތައް ބުނެއެވެ.

"އިންޑިއާއަށް ތަހުނިޔާ ކިޔަން. ހަނދަށް ދާން ކުރާ ދަތުރު، ޗަންދްރަޔާން-3 ފަށައިފި"، ޖައްވީ އުޅަނދު އުދުއްސާލިތާ އިރުކޮޅެއް ފަހުން، އިސްރޯގެ ޑައިރެކްޓަރ ސްރީދަރާ ޕަނިކަރު ސޮމަނާތް ވިދާޅުވިއެވެ.

މިހާތަނަށް ޖައްވީ އުޅަނދެއް ހަނދަށް ފޮނުވިފައިވަނީ މުޅިއެކު ތިން ގައުމަކަށެވެ. އެތިން ގައުމަކީ އެމެރިކާ، ރޫސީވިލާތް އަދި ޗައިނާއެވެ. މީގެ ތެރެއަކުވެސް، ހަނދުގެ ދެކުނު ދަނޑިއަށް އުޅަނދެއް ފޮނުވުނު ގައުމެއް ނެތްކަމަށް އަލްޖަޒިރާ ނޫހުން ބުނެއެވެ.

މިއުޅަނދު އުދުއްސާލުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވީ އިންޑިއާގެ އުންމީދުތަކާއި ހުވަފެންތައް މިއުޅަނދުގައި އުފުލެމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން