ސްރީލަންކާގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގަން ނިންމާފައިވާ ޑިޖިޓަލް އައިޑެންޓިޓީ މަޝްރޫޢުއަށް ބޭނުންވާ ސޮފްޓްވެއާ އުފައްދާ، ތަރައްގީކުރާނީ އިންޑިއާއިންކަމަށް ސްރީލަންކާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޑިޖިޓަލް އައިޑެންޓިޓީ މަޝްރޫޢުއަށް ބޭނުންވާ ރައްޔިތުންގެ ޒާތީ، ޝަޚްޞީ މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރާނީ ސްރީލަންކާގެ އިދާރާތަކުންނެވެ.

ޑިޖިޓަލް އައިޑެންޓިޓީއަކީ، މިއައިޑެންޓިޓީ ދޫކުރެވިފައިވާ ކޮންމެ މީހަކީ ޝަޚްޞީ ގޮތުން "އެއީ ކާކުކަން އަންގައިދޭ ހުރިހާ މައުލޫމާތެއް" ހިމެނޭ އައިޑެންޓިޓީއެކެވެ. މިއައިޑެންޓިޓީގެ ބޭނުމަކީ އޮންލައިންކޮށް ސަރުކާރުގެ ނުވަތަ އެހެނިހެން ދާއިރާތަކުގެ ޚިދުމަތްތައް ހޯދުމުގައި، ޚިދުމަތްހޯދާފަރާތަކީ ކާކުކަން އެނގޭ ގޮތަށް އެޚިދުމަތެއް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ސްރީލަންކާގެ ސްޓޭޓް މިނިސްޓަރ އޮފް ޓެކްނޮލޮޖީ، ކަނަކާ ހެރަތް، ވިދާޅުވި ގޮތުގައި ގައުމީ މިމަޝްރޫޢުއަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުއެކެވެ. މިމަޝްރޫޢުއަށް އިންޑިއާއިން 300 މިލިއަން އިންޑިއާ ރުޕީސް ޚަރަދުކުރާނެއެވެ.

މިމަޝްރޫޢު ހިންގުމަށް އިންޑިއާއާއެކު ސްރީލަންކާއިން ސޮއިކުރީ މިދިޔަ އަހަރުގެ މާރޗް މަހުގައިއެވެ. މިކަމާއި ގުޅިގެން ސްރީލަންކާގެ އިދިކޮޅު ސިޔާސީ ފަރާތްތަކުންވަނީ ސަރުކާރަށް ފާޑުކިޔާފައިއެވެ. އެމީހުންގެ ބަހަކީ މިމަޝްރޫޢުއަކީ ގައުމީ ސަލާމަތާއި ގުޅިފައިވާ ކަމަކަށް ވާއިރު، ބޭރުގެ ފަރާތެއްގެ ބައިވެރިވުން މިކަމުގައި އޮތުމަކީ ނުރައްކަލެއްކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރައްދުދެއްވަމުން މިދިޔަ ބުރާސްފަތި ދުވަހު، ހެރަތް ވިދާޅުވީ، މިމަޝްރޫޢުގައި އިންޑިއާގެ ދައުރަކީ، މިކަމަށް ބޭނުންވާ ސޮފްޓްވެއަރ އުފެއްދުމެވެ. މިމަޝްރޫގެ ދެވަނަ މަރުހަލާގައި ކުރަންޖެހޭ ކަންތައްތައް ކުރާނީ ސްރީލަންކާގެ އިދާރާތަކުންކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންނާއިބެހޭ ހުރިހާ ޒާތީ، ޝަޚްޞީ މައުލޫމާތެއް އެއްކުރުން އޮންނާނީ ދެވަނަ މަރުހަލާގައި، އިންޑިއާގެ ބައިވެރިވުމުއް ނެތިކަމަށް ހެރަތް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން