އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީ.ސީގެ ސިއްރު ފުލުހުންނަށް ފިލަން ދުއްވި ކާރަކުން ޖައްސާ އުމުރުން ހަތްދިހަ ފަސްއަހަރުގެ މީހަކު މަރާލައިފިއެވެ.



މީގެ އިތުރުން މިކާރުން ޖެއްސުމުގެ ސަބަބުން ދެމީހަކު ޒަޚަމުވެފައިވެއެވެ. މިހިތާމަވެރި، ހާދިސާ ހިނގީ މިދިއަ ބުދަދުވަހު، ނޭޝަނަލް މޯލް ކައިރީގައި ގަޑިން މެންދުރު އެއްގަޑި ބައިގައިކަމަށް ޚަބަރުތައް ބުނެއެވެ.

ސިއްރު ފުލުހުންނަށް ފިލަން މިކާރު ދުއްވީ، ކާރުގެ ރަޖިސްޓަރީގެ މުއްދަތު ހަމަވެފައިވާތީކަމަށް ފުލުހުން ބުނެއެވެ.

މިކާރު ހުއްޓުވުމަށް ފުލުހުން އިޝާރާތްކުރުމުން، ފުރަތަމައިނުން މަޑުކުރަން އުޅުނު ނަމަވެސް، ކުއްލިޔަކަށް ދުވެލި ބާރުކޮށް، ދިއްލިފައިހުރި ރަތް ބޮތްކެއް ހުރަސްކޮށް، ކަފިހިހުރަސްމަތީ ހިނގާފައި ދިޔަ ތިން މީހެއްގެ ގައިގައި ކާރު ޖައްސާފައިވެއެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި މިކާރުން ޖެއްސުމުގެ ސަބަބުން މަރުވި އުމުރުން ދުވަސްވީ މީހާ ގައިގައި، ކާރުން ޖެއްސިލެއް ބާރުކަމުން، ވައިގެ ތެރެޔަށް އޭނާ ވިއްސައިގެންދިޔައެވެ. މިމީހާ ވެއްޓި ބިންމަތީގައި ޖެހުނު ގަޑީގައި އަނެއްކާ ހަމަ އެކާރު އެމީހާގެ ގައިމަތިން ދުއްވާލިއެވެ. މިމީހާ މަރުވީ، ހޮސްޕިޓަލަށް ގެންދެވި، ފަރުވާދެމުން ދަނިކޮށްކަމަށް ޚަބަރުތައް ބުނެއެވެ. އަނެއް ދެމީހުންގެ ފުރާނަޔަށް ނުރައްކަލެއް ނުވެއެވެ.

ކާރު ދުއްވި މީހާ، އިއްޔެއާއި ހަމަޔަށް، އަތުލެވިފައި ނުވާކަމަށް ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން