ތައިލޭންޑުގެ ބޮޑުވަޒީރުކަން ހޯއްދެވުމަށް ކުރަށްވާ މަސައްކަތްޕުޅު ހުއްޓަވާނުލަށްވާނެކަމަށް، އެގައުމުގެ މޫވް ފޯވަޑް ޕާޓީގެ (މުތަގައްދިމް ޕާޓީގެ) ކެންޑިޑޭޓް ޕީޓާ ލިމްޖަރޯއެންރަޓް ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް އެގައުމުގެ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގުނު ވޯޓުން ޕީޓާއަށް ކާމިޔާބީ ލިބިވަޑައިނުގަތީ، މިކަމަށް އެންމެ މަދުވެގެން ބޭނުންވާ ވަރަށްވުރެ، ލިބިވަޑައިގެންނެވި ވޯޓު، ފަންސާސް އެއް ވޯޓުން މަދުވުމުންނެވެ. އަންނަ ހަފުތާގައި އަލުން ވޯޓުލުމުގެ ކުރިން، އެކަމަށް ތައްޔާރުވެ ވަޑައިގަންނަވާނެކަމަށް، އުމުރުން ސާޅީސް ދެއަހަރުގެ ޕީޓާވަނީ ވިދާޅުވެފައިއެވެ.

މިދިޔަ މޭމަހު ސާދަވަނަ ދުވަހު ތައިލޭންޑުގައި ބޭއްވުނު އާންމު އިންތިޚާބުގައި އެންމެ ގިނަ ވޯޓުލިބިފައިވަނީ ޕީޓާގެ މުތަގައްދިމް ޕާޓީއަށެވެ.

މަޖިލީހުގައި އިއްޔެ ނެގުނު ވޯޓުގައި ޕީޓާއާއި އެއްވެސް އެހެން ފަރާތަކުން ވާދަކޮށްފައިއެއް ނުވެއެވެ. ނަމަވެސް 749 މެމްބަރުންގެ، ދެގޭގެ މައްޗަށް – ތިރި ގެޔަކާއި މަތިގެއެއް - އެކުލެވިގެންވާ، މަޖިލީހުން ބޭއްވި އިންތިޚާބުގައި ކާމިޔާބީއާއި ހަމަޔަށް ޕީޓާއަށް ވަޑައިނުގެންނެވުނީ އޭނާއާއި ދެކޮޅަށް ދެވުނު ވޯޓުތަކާއި ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވި ވޯޓުތަކެއްގެ ސަބަބުންނެވެ.

ޕީޓާގެ، އަށް ޕާޓީގެ މައްޗަށް އެކުލެވިގެންވާ، އިއްތިޙާދުން ތިރިގޭގެ 312 ގޮނޑި ކޮންޓްރޯލުކުރެއެވެ. ނަމަވެސް ސަރުކާރެއް އުފެއްދުމަށް، އެންމެ މަދުވެގެން 375 ގޮނޑި ބޭނުންވެއެވެ.

އިއްޔެގެ އިންތިޚާބުގައި ޕީޓާއަށް ލިބިވަޑައިގަތީ 323 ވޯޓެވެ. އޭނާއާއި ދެކޮޅަށް 182 މެމްބަރަކު ވޯޓުދެއްވާފައިވެއެވެ. އަދި 198 މެމްބަރަކު ވަކިކޮޅަކަށް ވޯޓުދެއްވާފައިއެއް ނުވެއެވެ.

ޕީޓާގެ މުތަގައްދިމު ޕާޓީއާއި ދެކޮޅުވާ ފަރާތްތަކުން، ދެކޮޅުވަނީ އެގައުމުގެ ރަސްކަމަށް ފާޑުކިޔަން ފުރުޞަތުލިބޭ ގާނޫނެއް އެޕާޓީން ފާސްކުރަން ބޭނުންވާތީ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެހެންމެ، ސަރުކާރު ހިންގުމުގައި އަސްކަރިއްޔާއަށް އޮންނަ ދައުރު އެއްކޮށް އުވާލުމަށް އެޕާޓީއިން ބޭނުންވުމަކީވެސް ގިނަ ބައެއްގެ ދެކޮޅުވެރިކަން އެޕާޓީއަށް އަމާޒުވާ ސަބަބެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން