ކުޅިވަރުކުޅުމަށް ބޭނުންކުރާ ފަޔަށް ލުއި، މަޑު ބޫޓުގައި ބޭނުންކުރާ ޕްލާސްޓިކު ފުޅިމަދު އުފައްދާ ދެކުނުކޮރެއާގެ ކުންފުންޏެއްކަމަށްވާ ކުމްޔަންގުގެ ވެރިޔާ ރިއު ކްވަންގްޖީގެ މިލްކިއްޔާތަށް އައި ބަދަލަކާއި ގުޅިގެން އޭނާ ބިލިއަނަރަކަށް ވެއްޖެއެވެ.

ރިއުގެ މުއްސަނދިކަން މިހާ ބޮޑަށް އިތުރުވުމުގެ ސަބަބަކީ އޭނާގެ ކުންފުނިން، ޗާޖުކޮށްގެން ބޭނުންކުރެވޭ ބެޓެރީ އުފައްދަން ނިންމުމާއި ގުޅިގެން، ހިއްސާގެ ބާޒާރުގައި އެކުންފުނީގެ ހިއްސާގެ އަގު، މިމަހު އެކަނި، ދެގުނައަށް ބޮޑުވެގެން ދިޔުމެވެ.

މިކަމާއި ގުޅިގެން ދެކުނުކޮރެއާގެ ބިލިއަނަރުންގެ ލިސްޓަށް އެންމެ ފަހުން އެރި ނަމަކީ ރިއުގެ ނަންކަމަށް ފޯބްސް ނޫހުން ބުނެއެވެ. ކުމްޔަންގް ކުންފުނީގެ ސީ.އީ.އޯއަކީވެސް ރިއުއެވެ.

މިދިޔަ މެއިމަހު ފަންސާސް ހަތްއަހަރު ފުރުނު ރިއުޔަކީ ކުމްޔަންގް ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރެވެ. މިކުންފުންޏަކީ ދެކުނުކޮރެއާގެ ހިއްސާގެ ބާޒާރެއްކަމަށްވާ ކޮޒްޑެކްގައި ލިސްޓުކޮށްފައިވާ ކުންފުންޏެކެވެ. ހިއްސާގެ ބާޒާރުގައި ކުމްޔަންގް ކުންފުނީގެ އަގު މިހާރުވަނީ ފަސް ބިލިއަން ޑޮލަރަށް އަރާފައިއެވެ. އަދި މިކުންފުނީގެ ސާޅިސް އިންސައްތަ ހިއްސާގެ ވެރިޔަކީ ރިއުއެވެ.

މިދިޔަ އަންގާރަ ދުވަހު ހިއްސާގެ ބާޒާރު ބަންދުކުރިއިރު ރިއުގެ މުއްސަނދިކަން ހުރީ އެއް ބިލިއަން ޑޮލަރުގައިކަމަށް ފޯބްސް ނޫހުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން