މޫސާ ޢަލީ (ހާސާ)   10 ޖުލައި 2023 - 0:22
ޗައިނާއާއި އެމެރިކާއާއި ދެމެދު ހީނަރުވެފައިވާ ގުޅުން ރަނގަޅުވަމުންދާނެކަމަށް އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު، މިއަދު، ނިންމަވާލަށްވަމުން، ޔެލެން ވިދާޅުވީ ޗައިނާގެ އޮފިޝަލުންނާއެކު ދެކެވުނީ "ސީދާ އަދި އުފެއްދުންތެރި ވާހަކަތަކެއް" ކަމަށާއި މިކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް އިތުބާރު ބޮޑުވެއްޖެކަމަށެވެ.

ދެގައުމުގެ ދެމެދުގައި ޚިޔާލުތަފާތުވާ ގިނަ މައްސަލަތަކެއްހުރި ނަމަވެސް، ޗައިނާގެ އޮފިޝަލުންނާއިއެކު ޔެލެން ބޭއްވެވި ދިހަ ގަޑިއިރަށް ދެމިގެން ދިޔަ ތަފާތު އެކި ބައްދަލުވުންތަކުގެ ސަބަބުން، ހީނަރުވެފައިވާ ދޭދޭ ގުޅުންތައް ރަނގަޅުކުރުމަށް، އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން ލިބިފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ޗައިނާއާއި އެމެރިކާއިން ދެބަސްވާ މުހިންމު ކަންތައްތަކެއް އެބަހުރި"، ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ހުންނަ އެމެރިކާ އެމްބަސީ ބޭރުގައި ހުންނަވާ، ނޫސްވެރިން ގާތު، ޔެލެން ވިދާޅުވިއެވެ.

"ޗައިނާއާއި އެމެރިކާއާ ދެމެދު ހީނަރުވެފައިވާ ގުޅުމަކީ، ބޮޑެތި ބާރުތަކުން އިތުރު ބާރުހޯދުމަށް ކުރާ ހަނގުރާމައެއްގެ ގޮތުގައި ރައީސް ބައިޑަން އަދި އަޅުނގަނޑެއްވެސް ނުދެކެން. އަޅުގަނޑުމެން ގަބޫލުކުރަނީ ދުނިޔޭގައި ޗައިނާއާއި އެމެރިކާއާއި ދެގައުމަށްވެސް އެކިދާއިރާތަކުން ކުރިއެރުންތައް ހޯދޭނެ ޖާގަ އޮތްކަމަށް"، ޔެލެން ވިދާޅުވިއެވެ.

ޔެލެން ޗައިނާއަށް، މިކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ މައިގަނޑު މަގްޞަދަކީ "ޓައިވާނާއި އަދި ޓެކްނޮލޮޖީގެ އެކިކަންތައްތަކާއި" ގުޅިފައިވާ މައްސަލަތައް ހައްލުކުރެއްވޭތޯ ބެއްލެވުމެވެ.

މިދިޔަ މަހު އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަންވެސްވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން