އެފްރިކާ ބައްރުގެ އިރުމަތީ ބިތުގެ ގައުމެއްކަމަށްވާ، ކެންޔާގައި ޓެކްސް ބޮޑުވެ، ތަކެތީގެ އަގުތައް މައްޗަށްދާތީ، މުޅި ގައުމަށް ޢާންމުވާހެން، ހަމަނުޖެހުން ބޮޑު މުޒާހަރާތަކެއް އިއްޔެ ކޮށްފިއެވެ.

މުޒާހަރާތައް ރޫޅައިލުމަށް، މުޒާހަރާތަކުގެ ބައިވެރިންނާއި ދެކޮޅަށް، ފުލުހުން ކަރުނަގޭސް ބޭނުންކުރިކަމަށް ޚަބަރުތައް ބުނެއެވެ.

އިއްޔެގެ މުޒާހަރާތައް އިންތިޒާމުކުރީ އިދިކޮޅު ކޮއެލިޝަންގެ (އިއްތިޙާދުގެ) ވެރިޔާ ރައިލާ އޮޑިންގާގެ އެދިވަޑައިގަތުމުގެ މަތިންކަމަށް ޚަބަރުތައް ބުނެއެވެ. އޭނާ އެކަމަށް އެދިވަޑައިގަތީ، ދާދި ފަހުން، ކެންޔާގެ ޓެކްސްގެ ގާނޫނަށް ގެނައި ބަދަލުތަކަކާއި ގުޅިގެންނެވެ.

މިދިޔަ މަހު ފާސްކޮށް އަދި ރައީސް ވިލިއަމް ރޫޓޯ ތަޞްދީގުކުރަށްވާފައިވާ، މިގާނޫނުންވަނީ ތެލުގެ ޓެކްސް އަށަކުން ސޯޅަ އިންސައްތަޔަށް މަތިކޮށްފައެވެ. އަދި ވަޒީފާއަދާކުރާ އެންމެން ދައްކަންޖެހޭ، ގެދޮރުވެރިކަމުގެ 1.5 އިންސައްތައިގެ އާޓެކުހެއް މިގާނޫނުންވަނީ ތަޢާރަފުކޮށްފައެވެ.

ޚަބަރުތައް ބުނާ ގޮތުން އިއްޔެގެ މުޒާހަރާތައް ފެށުނީ، މިގާނޫނަށް އަމަލުކުރުން މަޑުޖައްސާލުމަށް، ކެންޔާގެ ހައިކޯޓުން އަމުރުކޮށްފައިވަނިކޮށް، ޕެޓްރޯލުގެ އަގު، ސަރުކާރުން ބޮޑުކުރުމުންނެވެ.

ވެރިރަށް ނައިރޯބީގެ ވިޔަފާރީގެ މަރުކަޒާއި ކަނޑުގެ އައްސޭރިފަށުގައި އޮންނަ ބަނދަރުމަތީ މޮމްބާސާގައި ކުރި މުޒާހަރާތަކުގައި، މިމުޒާހަރާތަކުގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތައް ހިނގާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ނައިރޯބީއާއި މޮމްބާސާގައި ކުރި މުޒާހަރާތައް، ފުލުހުން ރޫޅައިލީ ކަރުނަގޭސް ބޭނުންކޮށްގެންނެވެ.

ވެރިރަށް ނައިރޯބީގެ މަގުތަކުގައި މުޒާހަރާނުކުރުމަށް، ކުރިން އިންޒާރުދެއްވާފައިވާ، ނައިރޯބީގެ ފުލުހުންގެ ވެރިޔާ އެޑަމްސަން ބުންގެއި ވިދާޅުވިގޮތުގައި އިއްޔެގެ މުޒާހަރާއިން ވިހި ނުވަތަ އެއަށްވުރެ ގިނަ މީހުން ހައްޔަރުކުރެވިފައިވެއެވެ.

"ކަމުކުންޖީ މައިދާނުގައި ސިޔާސީ އެއްވުމެއް ބާއްވަން، އިދިކޮޅު އިއްތިޙާދަށް ހުއްދަދެވިފައިވާނެ. އެމީހުންގެ ސިޔާސީ ޙައްގުތަކުގެ ބޭނުންހިފަންވާނީ ގާނޫނީ އިމުގެ ތެރެއިން. މަގުތައްމަތީ މުޒާހަރާއެއް ނުކުރެވޭނެ"،ފުލުހުންގެ ވެރިޔާ ބުންގެއި ވިދާޅުވިކަމަށް ކެންޔާގެ ނޫހަކުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން