އެފްރިކާ ބައްރުގެ އެންމެ އާބާދީ ބޮޑު ގައުމުކަމަށްވާ ނައިޖީރިއާގައި ޑިފްތީރިއާ ބަލި ފެތުރެން ފަށައިފިކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ޚަބަރުތައް ބުނާ ގޮތުން ނައިޖީރިއާގެ ކަމާބެހޭ ފަރާތްތަކުން މިކަން ކަށަވަރުކޮށްދީފައި މިވަނީ އުމުރުން ހަތަރު އަހަރުގު ތުއްތު ކުއްޖަކު މިބަލީގައި މަރުވިތާ، އެއްމަސް ދުވަސް ފަހުންނެވެ. ބަލީގައި މަރުވި ކުއްޖާ މަރުވީ ވެރިރަށް އަބޫޖާގައިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމަޔަށް، އެކި ފަހަރު މަތިން، ނައިޖީރިއާގައި 798 މީހަކަށް ޑިފްތީރިއާ (ކަރުތެރޭ ހަންގަނޑު ދުޅަވާ، ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް) ބަލި ޖެހިފައިވާކަމަށް ނައިޖީރިއާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން (އެން.ސީ.ޑީ.ސީ) ބުނެއެވެ.

" މިބަލީގައި މިހާތަނަށް އަށްޑިހަ މީހުން މަރުވެއްޖެ"، އެން.ސީ.ޑީ.ސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެން.ސީ.ޑީ.ސީގެ ބަޔާނުގައި ބުނެފައިވާ ގޮތުން ޑިފްތީރިއާ ބައްޔަކީ ނޭވާލުމަށް އުނދަގޫކުރާ، ހިތުގެ ހިނގުމަށްމެ ބަދަލުގެންނަ އަދި އެހެންމެ، ބަޔެއް ފަހަރަށް، މަރު ބައްޔެކެވެ.



އެން.ސީ.ޑީ.ސީން ބުނި ގޮތުގައި ޅަފަތުގައިދޭ ވެކްސިން ދީފައިވާނަމަ، މިބަލިޖެހުން ވަރަށް ދުރުވާނެއެވެ. އަދި ނައިޖީރިއާގައި ޅަފަތުގައި ދޭން ލާޒިމުކުރާ ވެކްސިންތަކުގެ ތެރޭގައި މިބައްޔަށްދޭ ވެކްސިން ހިމެނޭކަމަށް އެން.ސީ.ޑީ.ސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެން.ސީ.ޑީ.ސީން ބުނި ގޮތުގައި މިފަހަރު މިބަލި، ގިނައިން ޖެހިފައިވަނީ ދެއަހަރާއި ސާދައަހަރުގެ އުމުރުފުރައިގެ ކުދިންނަށެވެ. މިބަލީގެ ވެކްސިން، އަގުހެޔޮކޮށް، ފަސޭހައިން ލިބޭ ގޮތް ހަދައިދީފައިވާ އިރުވެސް، މިފަހަރު ބަލިޖެހުނު ގިނަ ކުދިންނަށް މިވެކްސިން ދީފައިނުވާކަމަށް ނައިޖީރިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިބަލި ފެތުރުން އިތުރުވެ، ވަބާއަކަށް ބަދަލުވެދާނެތީ، ނައިޖީރިއާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންދަނީ ބަލި ކޮންޓްރޯލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން