ތިންލައްކަ ޑޮލަރުގެ އަގުހުރި ގަހަނާތަކަކާއި ނަގުދު ދިހަހާސް ޑޮލަރު ވަގަށްނެގިކަމަށް ޝައްކުކުރެވޭ ތިން މީހުން، މިޖުރުމު ހިންގިތާ ބާރަ ގަޑިއިރު ތެރޭގައި، އެކުވެރި ޢަރަބި އިމާރާތުގެ (ޔޫ.އޭ.އީގެ) ސިޓީއެއްކަމަށްވާ އަޖްމަންގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

އަޖްމަނުގެ ފުލުހުން ބުނި ގޮތުގައި، ރަންވިއްކާ ފިހާރަޔަކުން ވައްކަމެއްކޮށްފިކަމުގެ ރިޕޯޓެއް ލިބުމާއި ގުޅިގެން، ހަމަ އެވަގުތު، އެކަން ތަޙްގީގުކުރަން ޓީމެއް އެކުލަވާލެވުނެވެ. މިރިޕޯޓާއި ގުޅިގެން އެފިހާރަޔަށް ދިޔުމުން، ފިހާރައިގެ އެލާމްތައް މަސައްކަތްނުކުރާކަން ފުލުހުންނަށް އެނގުނުކަމަށް ފުލުހުން ބުނެއެވެ. ފިހާރައިގެ އެލާމްތައް މަސައްކަތްކުރިނަމަ، ފުލުހުންގެ ރައްދު މާބޮޑަށް އަވަސްވީސްކަމަށް ފުލުހުން ބުންޏެވެ.

މިކުށުގައި ހައްޔަރުކުރެވުނު، މިކުށްކުރިކަމަށް ޝައްކުކުރެވޭ ތިން މީހުން، ފުލުހުންނަށް އޮޅުވާލުމަށްޓަކައި އެތައް ފަހަރަކު އެމީހުންގެ އަންނައުނު ބަދަލުކުރިކަމަށް ފުލުހުން ބުނެއެވެ. މިމީހުންގެ ސިފަ އެނގިދާނެތީ، ތިން މީހުންމެ، މޫނުމަތީގައި އަޅާ މާސްކު ބޭނުންކޮށްފައިވެއެވެ.

ހައްޔަރުކުރެވުނު ތިން މީހުންނަކީ ޢަރަބިންނެވެ. މީގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ އިމާރާތުގެ ސިޓީއެއްކަމަށްވާ ޝާރްޖާގެ ފުލުހުންގެ އެހީގައެވެ. ދެވަނަ މީހާ ހައްޔަރުކުރެވުނީ އަޖްމަނުންނެވެ. މިވައްކަން ރާވާ އަދި މިކަން ހިންގުމުގެ ވެރިޔެއްގެ ގޮތުގައި ހަރަކާތްތެރިވި މީހާ، ހައްޔަރުކުރެވުނީ އަޖްމަނުގެ ޞިނާޢީ ސަރަހައްދުންނެވެ.

ފުލުހުން ބުނި ގޮތުގައި މިތިން މީހުން މިހާރުވަނީ، ކުށަށް އިޢުތިރާފުވެފައެވެ. އަދި އެމީހުން ވަގަށްނެގި ހުރިހާ އެއްޗެއް ހަމަޔަށް ހޯދާ ، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން