ދަށުފަންތީގެ ގަބީލާޔަކަށް އުފަންވެފައިވާ މީހެއްގެ މޫނަށް، ޢާއްމު ތަނެއްގައި ކުޑަގިފިލިކުރި އިންޑިއާ މީހާ، އިންޑިޔާގެ މެދުތެރޭގައި އޮންނަ މަދްޔަޕްރަދޭޝް ސްޓޭޓުގައި ހައްޔަރުކޮށް، އޭނާގެ ގެ، ކަމާބެހޭ ފަރާތްތަކުން ތަޅާލާ، ބިމާހަމަކޮށްފިއެވެ.

ޖިނާއީ މިކުށުގައި ހައްޔަރުކުރެވުނު ޕްރަވޭޝް ޝުކްލާގެ މައްޗަށް ދައުވާކުރަމުންދަނީ ދަށުފަންތީގެ ގަބީލާތަކުގެ މީހުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އިންޑިޔާގައި ހަދާފައިވާ ގާނޫނުގެ ދަށުންނެވެ. އިޖްތިމާޢީ ފަންތިތައް ގިނަ، އިންޑިޔާގައި، މިގާނޫނު ހަދައިގެން ހިންގަމުންދަނީ، މާގަދީމު ޒަމާނުންފެށިގެން އިންޑިޔާގެ ބައިމަދު މުޖްތަމަޢުތަކަށް ލިބެމުންދިޔަ އަނިޔާތައް ހުއްޓުވުމުގެ ނިޔަތުގައިއެވެ.

މަދްޔަޕްރަދޭޝްގައި މުލްޒިމް ( ކުށްކުރިކަމަށް ޝައްކުކުރެވޭ) ޝުކްލާ ހައްޔަރުކުރެވުނީ، މިހަޑިމުޑުދާރު ޢަމަލުކުރަމުންދިޔަ މަންޒަރު ދައްކައިދޭ ވީޑިއޯ، ސޯޝަލް މީޑިއާގައި ވަރަށް ބާރު ދުވެލީގައި ދައުރުވާން ފެށުމުންނެވެ. މީނާގެ މިޢަމަލާއި ދެކޮޅަށް އިންޓަނެޓުގައި ހުޅުފަޅައިގެންދިޔަ ކަމަށް ބީ.ބީ.ސީ ނޫހުން ބުނެއެވެ.

މަދްޔަޕްރަދޭޝް ސަރުކާރުގެ އިސް އޮފިޝަލެއްކަމަށްވާ ނިލަމްބަރް މިޝްރާ ވިދާޅުވި ގޮތުގައި ޝުކްލާގެ ގެ ތަޅާލާ، ބިމާއިހަމަކުރެވިފައިވަނީ، ހަތަރު ސަތޭކަ އަކަފޫޓުގެ އެ ގެ، ގަވާޢިދާއި ޚިލާފަށް އިމާރާތްކޮށްފައިވާތީއެވެ.

އިންޑިޔާގެ އިދިކޮޅު މައި ޕާޓީކަމުގައިވާ ކޮންގްރެސް ޕާޓީގެ ބައެއް ލީޑަރުން ތުހުމަތުކުރަށްވާ ގޮތުގައި މިޝުކުލާއަކީ އިންޑިޔާގައި ވެރިކަންކުރާ ބާރަތިޔަ ޖަނަތަ ޕާޓީއާއި (ބީ.ޖޭ.ޕީއާއި) ގުޅުން އޮންނަ މީހެކެވެ.

ބީ.ބީ.ސީން ބުނި ގޮތުގައި މިތުހުމަތަށް ޖަވާބެއްދޭން މަދްޔަޕްރަދޭޝްގެ ފުލުހުން ބޭނުމެއް ނުވިއެވެ. މިސުވާލަށް ޖަވާބެއް ނުދިންނަމަވެސް، މި މައްސަލައިގެ ޙަގީގަތްތައް ހޯދުމަށް، މި މައްސަލަ ތަޙްގީގުކުރާނެކަމަށް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން