ރޭލު ދަގަނޑެއްމަތީ ވަރަށް ބާރު ދުވެލީގައި ދުއްވަމުން، ކުއްލި އެނބުރުން އަނބުރާ ގޮނޑިބަރިއެއް (ރޯލަރކޯސްޓަރެއް) ރޭލު ދަގަނޑުގައި ތާށިވެ، މިމަޖަލުގައި ބައިވެރި އަށްމީހުން އެކޮޅުކޮޅުން އެލިފައި ދެތިންހަތަރު ގަޑިއިރު ތިބެންޖެހިއްޖެއެވެ.

މިކަން ހިނގީ އެމެރިކާގެ ވިސްކޮންސިން ސްޓޭޓުގެ ކާނިވަލެއްގައި މިދިޔަ ހޯމަ ދުވަހުއެވެ. ފޮރެސްޓް ކައުންޓީގެ ކްރޭންޑަން ސިޓީގެ ކާނިވަލެއްގައި މިކަން ހިނގީ ރޯލަރކޯސްޓަރ ދުއްވަމުންދާއިރު ލަނބާލަން ވަށްކޮށްފައިވާ ދިމާލެއްގެ ހުސްޖާގައެއްގައި، ރޯލަރކޯސްޓަރ ތާރިވެގެންކަމަށް ކްރޭންޑަން ސިޓީގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކްރޭންޑަންގެ ފަޔަރ ޑިޕާޓްމަންޓުގެ ވެރިޔާ ބްރެނަން ކުކް ވިދާޅުވި ގޮތުގައި މިކަން ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުމާއި ގުޅިގެން ތާށިވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިގަނެވުނެވެ.

ތާށިވި މީހުންގެ ތެރެއިން ސަލާމަތްކުރެވުނު ފުރަތަމަ މީހާ ސަލާމަތްކުރެވުނީ ދެގަޑިއިރުގެ މަސައްކަތުންނެވެ. އެންމެ ފަހުން ސަލާމަތްކުރެވުނު މީހާ ސަލާމަތްކުރެވުނީ ތިން ގަޑިއިރު ފަހުންނެވެ.

މިކަމާއި ގުޅިގެން، ކާނިވާ ތެރޭގައި ނުވަ މީހުންނަށް ކުއްލި ފަރުވާދެވުނެވެ. އަދި އެކަކު ހޮސްޕިޓަލަށް ގެންދެވުނެވެ.

"ރޯލަރކޯސްޓަރ ތާށިވި ދިމާ އުސްކަމުން، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި، މިކަމަށް ޚާއްޞަ މީހުންނާއި އާލާތްތައް ބޭނުންކުރަންޖެހުނު"، ކުކް ވިދާޅުވިއެވެ.

ކުކް ވިދާޅުވި ގޮތުގައި ގައިގާ ވާ އައްސައިގެން، ތާށިވި މީހުން ސަލާމަތްކުރާނެ ގޮތުގެ އިރުޝާދު އޭނާގެ ޓީމަށް ދިނީ، އޮފްޑިއުޓީގައި ހުންނެވި، ނަމަވެސް އެގަޑީގައި އިއްތިފާގުން އެކާނިވަލުގައި ހުންނެވުނު، އެގޮތަށް މީހުން ސަލާމަތްކުރުމުގެ ތަޖުރިބާކާރެކެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން މިގޮތަށް ގައިގާ ވާއައްސައިގެން، މީހުން ސަލާމަތްކުރާ މީހަކު، އެކާނިވަލުގެ، އެމަސައްކަތުގައި އުޅެނިކޮށް ފެނެއެވެ.

ނަމަވެސް، އެންމެ ފަހުން، މިއަށް މީހުން ސަލާމަތްކުރީ 100 ފޫޓަށް ފޯރާ، ހަރުގަނޑުލީ ލޮރީއެއް ބޭނުންކޮށްގެންނެވެ. ކްރޭންޑަން ފަޔަރ ޑިޕާޓްމަންޓުން ބުނި ގޮތުގައި، އެތަނުގެ މާޒީގައި މިކަހަލަ ކަމެއް ދިމާވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން