މެދުނުކެނޑި ދެދުވަހަކުން، އިސްރާއީލު ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޖަނީނަށް ދިން ޢުދުވާނީ ހަމަލާތަކުގެ ސަބަބުން އެރަށް ސުންނާފަތިވެއްޖެއެވެ.

އިސްރާއީލުގެ ބިމުގެ ސިފައިންނާއި ވައިގެ ސިފަން ދިން މިހަމަލާތަކުގައި ބާރަ ފަލަސްޠީނީން ޝަހީދުވެފައިވެއެވެ. މީގެ އިތުރުން ސަތޭކަ ފަލަސްޠީނީން ޒަޚަމުވެފައިވެއެވެ. ދެދުވަހަށް އިސްރާއީލު ސިފައިން ހިންގި މިޢުދުވާނުގައި، ޖަނީންގެ އެތައް އިމާރާތެއްވަނީ ބިމާއި ހަމަކޮށްފައެވެ. ކޮޅަށް، ބިމުގައި ހަރުލާފައި ހުރި، އެތައް އިމާރާތަކަށްވަނީ، ވަރަށް ގިނަ މަރާމާތުކޮށްގެން ނޫނީ، ބޭނުންނުކުރެވޭ ވަރު ކޮށްފައެވެ.

އިސްރާއީލުން ޖަނީނަށް ދިން ޢުދުވާނީ ހަމަލާތައް ހުއްޓާލީ މިއަދުއެވެ. ގަދަބާރުން، ޖަނީނަށް ވަދެގަނެގެން އުޅުނު، އިސްރާއީލުގެ ޢުދުވާނީ ސިފައިންގެ ތެރެއިން އެކަކު، މިދެދުވަހުގެ ތެރޭގައި މަރުވެފައިވެއެވެ.

"މުޅި ރަށް މިވަނީ ފަނާކޮށްލާފައި. މަގުތަށް މިވަނީ އޮކޮޅުކޮޅުންޖަހާފައި. ބުލްޑޯޒަރުން ކާރުތައް މިވަނީ މަގުގެ އެއްކައިރިޔަށް ޖައްސާފައި. މުޅި ރަށް މިއޮތީ ސުންނާފަތިކޮށްލާފައި"، ޖަނީނުގައި އިސްރާއީލުން ހިންގި ޢުދުވާނު ހުއްޓާލުމަށްފަހު، ރަށަށް ވެރިވި ހަމަހިމޭންކަމުގެ ތެރޭގައި، ވާހަކަދެއްކި ނޫސްވެރިޔަކު މިއަދު ބުންޏެވެ.

އިސްލާމީ ގައުމުތަކުންނާއި އެހެނިހެން ބައިނަލްއަގްވާމީ ޖަމާޢަތްތަކުންނާއި ގައުމުތަކުންވަނީ، ޖަނީނަށް އިސްރާއީލުން މި ދިން ދެދުވަހުގެ ޢުދުވާނީ ހަމަލާތައް ކުށްވެރިކޮށްފައެވެ.

ޚަބަރުތައް ބުނާ ގޮތުން، އިސްރާއީލުން ޖަނީނަށް މިދިން ދެދުވަހުގެ ޢުދުވާނީ ހަމަލާ ދިނުމުގައި އިސްރާއީލުގެ އޮތް ބޭނުމަކީ، ފަލަސްޠީނުގެ މުގާވަމަތު (ރެޒިސްޓެންސް) ޖަމާޢަތްތައް ބަލިކަށިކޮށްލުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން