ފާއިތުވި ވިހި އަހަރު ދުވަހުގެ ތެރޭގައި އެއްގޮތަކަށްވެސް އެމެރިކާގެ ރައްޔިތެއްގެ ގައިން މެލޭރިގެ ކޭހެއް ނުފެނި އޮތުމަށްފަހު ، އެމެރިކާގެ ދެކުނުގެ ފްލޮރިޑާ ސްޓޭޓުން ފުރަތަމަ ފަހަރަށް މެލޭރިއާގެ ކޭސްތަކެއް ފެނިއްޖެއެވެ.

ފްލޮރިޑާގެ ސަރަސޯޓާ ސަރަހައްދުގެ އިދާރީ ހިންގުމާއިބެހޭ އޮފީހުން މިހާރުވަނީ، މެލޭރިއާ ފަތުރާ މަދިރި ކޮންޓްރޯލްކުރުމުގެ މަސައްކަތް ފަށާފައެވެ. ސަރަސޯޓާގެ އިދާރީ އޮފީހުން ނެރުނު ބަޔާނެއް ބުނާ ގޮތުން މަދިރި ކޮންޓްރޯލްކުރުމަށްޓަކައި މަތިންދުއްވާ ބޯޓުގަޔާއި ލޮރީތަކުގައި މަދިރިމަރާ ސްޕްރޭ ޖަހަމުންދާނެއެވެ.

ސަރަސޯޓާއިން މިފިޔަވަޅު މިއެޅީ، ޔޫ.އެސް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން (ސީ.ޑީ.ސީން) ޞިއްޙީ ސަމާލެއް ނެރުމާއި ގުޅިގެންނެވެ.

އެމެރިކާގެ ތަފާސްހިސާބުތައް ބުނާ ގޮތުން އެންމެ ފަހުން އެމެރިކާ މީހަކަށް މެލޭރިއާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. އެފަހަރުވެސް މެލޭރިއާ ފެނުނީ ފްލޮރިޑާއިންނެވެ. ނަމަވެސް އެމެރިކާޔާށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ދަތުރުވެރިންގެ އެތައް ހާސް ބަޔެއްގެ ގައިން ކޮންމެ އަހަރަކުވެސް މެލޭރިއާ ފެންނަކަމަށް ޚަބަރުތައް ބުނެއެވެ.

މިފަހަރު މެލޭރިއާ ޖެހުނީ ފްލޮރިޑާގެ ހަތަރު ރައްޔިތުންނަށެވެ. މިހަތަރު މީހުންނަށް މެލޭރިއާ ޖެހިފައިވަނީ ސަރަސޯޓާ ސަރަހައްދުންނެވެ. މީގެ އިތުރުން ދެކުނުގެ ޓެކްސަސް ސްޓޭޓުގެ ކެމެރަން ސަރަހައްދުން އެކަކަށް މެލޭރިއާ ޖެހިފައިވެއެވެ. ޓެކްސަސް ސްޓޭޓުގެ ޞިއްޙީ ދާއިރާއިން ބުނި ގޮތުގައި މިމީހާއަށް މެލޭރިއާ ޖެހިފައިވަނީ ގައުމުން ބޭރަށް ދަތުރުކުރުމުގެ ސަބަބަކުންނޫނެވެ. ނަމަވެސް މީނާއަކީ ހާމަތަންތަނުގައި ވަރަށް ގިނަ އިރު މަސައްކަތްކުރާ މީހެއްކަމަށް ޓެކްސަސްގެ ޞިއްޙަތާބެހޭ ޑިޕާޓްމަންޓުން ބުނެއެވެ. ޓެކްސަސް ސްޓޭޓުން، އެންމެ ފަހުން އެމެރިކާ މީހަކަށް މެލޭރިއާ ޖެހިފައިވަނީ 1994 ވަނަ އަހަރުކަމަށް އެޑިޕާޓްމަންޓުން ބުނެއެވެ.

ހޯމަ ދުވަހު ސީ.ޑީ.ސީން ނެރުނު ޞިއްޙީ ސަމާލުގައި ބުނެފައިވަނީ މެލޭރިއާއަކީ ޞިއްޙީ ކުއްލިނުރައްކަލެއް ކަމަށެވެ. އަދި އެފަދައިން މެލޭރިއާއާއިމެދު ޑޮކްޓަރުންނާއި އާންމުން ޢަމަލުކުރަންވާނެކަމަށް ސީ.ޑީ.ސީން ނެރުނު ސަމާލުގައި ބުނެފައިވެއެވެ.

މިފަހަރު މެލޭރިއާ ޖެހުނު ފަސް މީހުންނަށް، ފަރުވާދިނުމާއި ގުޅިގެން، އެމީހުންގެ ޞިއްޙަތު ރަނގަޅުވަމުން އަންނަކަމަށް ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން