މިހާތަނަށް ދުނިޔޭގައި ހުޅުވާފައިވާ، ކުނިން ހަކަތަ އުފައްދައިދޭ، އެންމެ ބޮޑު އިންޖީނުގެ ދުބާއީގެ ވަލީޢަހްދު ޝައިޚް ޙަމްދާން އިބްން މުޙައްމަދް އިބްން ރާޝިދް އާލި މަކްތޫމް އިއްޔެ އިފްތިތާޙުކޮށްދެއްވައިފިއެވެ.



ދުބާއީގެ ޞިނާޢީ ސަރަހައްދެއްކަމަށްވާ ވަރްސާންގައި ހުޅުވިގެން މިދިޔައީ މިއިންޖީނުގޭގެ ފުރަތަމަ ފިޔަވައްސެވެ. މިފިޔަވައްސަށް ހަތަރު ބިލިޔަން ދިރްހަމް (އެއް ބިލިއަން ޔޫ.އެސް ޑޮލަރު) ޚަރަދުކޮށްފައިވެއެވެ.

ވަލީޢަހްދު ޙަމްދާން ވިދާޅުވި ގޮތުގައި މިއީ ދެމެހެއްޓެނިވި ތަރައްގީގައި ހުނިޖަހާލެވިގެންދާނެ މަޝްރޫޢެކެވެ އަދި މިމަޝްރޫޢުގެ ސަބަބުން މިދާއިރާގައި ދުނިޔޭގެ އިސް ސަފުގައި ދުބާއީ ހިމެނިގެންދާނެއެވެ.

"ކުނިން ހަކަތަ އުފައްދައިދޭ މި އިންޖީނުގެއިން ގަޑިއަކު 220 މެގަވޯޓްގެ ، ތިމާވެއްޓާއި ރައްޓެހި، ހަކަތަ (ކަރަންޓު) އުފައްދައިދޭނެ. މިއީ ގަޑިއަކު ޖުމުލަ 135،000 ގެއަށް ބޭނުންވާނެ މިންވަރު"، އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަލީޢަހްދު ހަމްދާން ވިދާޅުވިއެވެ.

ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ލިބުނަނުދީ ، އަހަރަކު މިއިންޖީނުގެއިން ދެމިލިއަން ޓަނުގެ ކުނި އެންދޭނެކަމަށް ވަލީޢަހްދު ޙަމްދާން ވިދާޅުވިއެވެ.

ދުބާއީގެ ނޫސްތަކުން ބުނާ ގޮތުގައި މިއިންޖީނުގޭގައި ދުވާލަކު 2،300 ޓަނުގެ ތެތްކަމެއްނެއް ހިކި ކުނި އެންދޭނެއެވެ. ހަކަތަ އުފައްދަން މިތަނުގައި ބޭނުންކުރަނީ ކުރިއަރާފައިވާ ޓެކްނޮލޮޖީއެވެ. މިޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ އުފައްދަނީ ، މިތަނުގައި އަންދާ ކުނިން އުފައްދާ އާވި ފިއްތައިގެން ނުކުންނަ ހަކަތަ، ކަރަންޓު އުފައްދާ ޖެނެރޭޓަރަށް ދީގެންނެވެ.

ހިންގަން މިފެށި ފިޔަވަހީގައި މިވަގުތަށް މިތަނުގައި އުފައްދާނީ ގަޑިއަކު 80 މެގަވޯޓުގެ ކަރަންޓެވެ. ދެވަނަ ފިޔަވަހި ހުޅުވުމުން ގަޑިއަކު 220 މެގަވޯޓުގެ ތިމާވެއްޓާއި ރައްޓެހި ކަރަންޓު މިތަނުގައި އުފައްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން