ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ރަށެއްކަމަށްވާ ޖަނީންގެ ރެފިއުޖީ ކޭމްޕުތަކަށް އިސްރާއީލުން ދެމުންދާ ދެދުވަސްވީ ޢުދުވާނީ ހަމަލާގައި، ޒަޚަމުވަމުންދާ މީހުންނަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް، އިސްރާއީލުގެ ޢުދުވާނީ ސިފައިން ހުރަސްއަޅަމުންދާތީ، ޑޮކްޓާރސް ވިތައުޓް ބޯޑާރސް (އިމެއް ނެތް ޑޮކްޓަރުން) ޖަމްޢިއްޔާއިން އެކަން ކުށްވެރިކޮށްފިއެވެ.

މިހާ ވަރުގަދަ ޢުދުވާނީ ހަމަލާތަކެއް، ފާއިތުވި ވިހި އަހަރު ދުވަހުގެ ތެރޭގައި، އިސްރާއީލުން ޖަނީންއަށް ދީފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ.

މިޖަމްޢިއްޔާއިން ބުނާ ގޮތުގައި ޖަނީންއަށް ދެވެން އޮތް ހުރިހާ މަގެއް އިސްރާއީލު ސިފައިންވަނީ ބަންދުކޮށްފައެވެ. "ރެފިއުޖީ ކޭމްޕުތަކުގައި ބޭސްފަރުވާގެ އެހީއަށް ބޭނުންވެފައި ވަރަށް ގިނަ މީހުން އެބަތިބި. އިސްރާއީލުން ދެމުންދާ ހަމަލާތައް ކުރިޔަށް ގެންދަން ކަނޑައަޅާފައިވާ މުއްދަތުގައި ޖަނީންއަށް ވަދެވެން އޮތް ހުރިހާ މަގެއްވަނީ ބަންދުކޮށްފައި"، މިޖަމްޢިއްޔާއިން ބުނެފައިވެއެވެ.

"މީހުން މެރުމާއި، ޒަޚަމުކުރުމުގެ އިތުރަށް، އިސްރާއީލުން ކުރިޔަށް ގެންދާ ޢުދުވާނުގައި، ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ވަނީ ހުރަސްތައް ކުރިމަތި ކުރުވާފައި އަދި ކުއްލި ފަރުވާދިނުމަށްވަނީ ހުރަސްއަޅާފައި"، އިމެއް ނެތް ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ބަލިމީހުން ގޮވައިގެން ދަތުރުކުރާ އެމްބިއުލެންސްތަކަށްވެސް އިސްރާއީލުގެ ޢުދުވާނީ ސިފައިންދަނީ ހުރަސްއަޅަމުންނެވެ.

އަނެއްބައި ޚަބަރުތައް ބުނާ ގޮތުގައި ދެދުވަސްވީ މިޢުދުވާނީ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން ދަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން