ހުއްދަނެތި، ޙައްޖުގެ އަޅުކަން އަދާކުރަންއުޅުނު ޖުމުލަ 17،625 މީހުން ސަޢުދީ ޢަރަބިއްޔާގެ ސަލާމަތީ ބާރުތަކުން މިއަހަރުގެ ޙައްޖު މޫސުމުގައި ހައްޔަރުކޮށްފައިވާކަމަށް ގަލްފުނޫހުން ބުނެފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ އަމަން ޢާއްމުގެ ޑިރެކްޓަރ އަދި ޙައްޖުގެ އަމަނާއިބެހޭ ކޮމިޓީގެ ޗެއާރމަން ލެފްޓިނެންޓް ޖެނެރަލް މުޙައްމަދުލް ބައްސާމީ ވިދާޅުވި ގޮތުގައި ހައްޔަރުކުރެވުނު ސަތާރަހާސް އެތައް ސަތޭކަ މީހުންގެ ތެރެއިން 9،509 މީހުން ހައްޔަރުކުރެވިފައިވަނީ، މަސައްކަތްތެރިންގެ ގަވާޢިދުތަކާއި ސާކިނުވެތިބުމުގެ (ރެޒިޑެންސީ) ގަވާޢިދުތަކާއި ގައުމީ އިމުގެ އަމަނާއި ގުޅޭ ގަވާޢިދުތަކާއި ޚިލާފުވެގެންނެވެ.

މީގެ އިތުރުން ސަޢުދީގެ އަމަނާއިބެހޭ ފަރާތްތަކުންވަނީ ޙައްޖާއި ގުޅުވައިގެން ހިންގާފައިވާ މަކަރުވެރި، ކެހިވެރިކަންތައްތަކަށް ވަރަށް ބޮޑަށް ފާރަލައި އެފަދަ ކަންތައްތައް ހުއްޓުވާފައެވެ. ސަޢުދީގެ އެކި ސަރަހައްދުތަކުގައި މިފަދަ 105 ކަމެއް ހިންގި މީހުން ހައްޔަރުކުރެވިފައިވާކަމަށްވެސް ޖެނެރަލް ބައްސާމީ ވިދާޅުވިއެވެ.

ސަޢުދީގެ އަމަން ބަލަހައްޓާ ފަރާތްތަކުން ބުނާ ގޮތުގައި މިއަހަރުގެ ޙައްޖު މޫސުމުގައި ހުއްދަނެތި މައްކާއަށް ވަންނަން އުޅުނު އެތައްބަޔަކާއި ވެހިކަލެއް އަނބުރާ އައިކޮޅަށް ފޮނުވާލެވިފައިވެއެވެ. މިގޮތުން، ހުއްދަނެތި މައްކާއަށް ވަންނަން އުޅުނު 202،695 މީހުންނާއި 128،999 ވެހިކަލް އަނބުރާ އައިކޮޅަށް ފޮނުވާލެވިފައިވެއެވެ.

ޖެނެރަލް ބައްސާމީ ވިދާޅުވި ގޮތުގައި ޖޫން ތިރީހާއި ހަމަޔަށް، ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ހުއްދަނެތް މީހުން އުފުލި 33 މީހަކުވެސް ހައްޔަރުކުރެވިފައިވެއެވެ. މިމީހުންނާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ ފަރާތާއި މިމީހުން ހަވާލުކުރެވިފައިވާކަމަށްވެސް ބައްސާމީ ވިދާޅުވިއެވެ.

ޙައްޖުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި، ޙައްޖުގެ އަމަން ބެލެހެއްޓުމަކީ ސަޢުދީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން